ލޯތްބަކީ ކަނު އެއްޗެކޭ ބުނަނީ އެކަމުގެ ފަހަތުގައި ވަރަށް ބައިވަރު ހަގީގަތް އެކުލެވިފައިވާތިއެވެ. ތިމާ މީހެއްދެކެ ލޯބިވުމުން އެމީހާގެ ކުލައަކަށް، ފެންވަރަކަށް އަދި އުމުރަކަށް ބެލުމެއް ނޯވެއެވެ. މިހުރިހާ ހަރުފަތެއް ގިރާކޮށް ލޯބިވާ މީހާއާއިއެކު ހަޔާތެއް ފަށަން ބޭނުންވާނީ ހަމަގައިމުވެސް ހަގީގީ ލޯބިވާތީއެވެ.
ޢުމުރުން ހަގު އަންހެނުން އެމީހުނަށްވުރެ ދޮށީ ޢުމުރުގެ ފިރިހެނުންނާއި ކައިވެނިކުރުމަކީ އަޅުގަނޑުމެންގެ މުޖްތަމަޢުގައި ވަރަށް ޢާންމު ކަމެކެވެ. ނަމަވެސް ޢުމުރުން ހަގު ފިރިހެނުން އެމީހުންނަށްވުރެ ބޮޑުތަން ދޮށީ އަންހެނުންނާއި ކައިވެނިކުރުމަކީ ކުރިން އެހާ ޢާންމު ކަމަކަށް ނުވިޔަސް މިހާރު އާންމުވަމުން އަންނަ ކަމެކެވެ. އަދި ކިއެއްތަ؟ މިމީހުންގެ ދިރިއުޅުން ނިސްބަތުން ބަލާއިރު މާއުފާވެރިއެވެ. މިފަދަ ފިރިހެނުން ބުނާގޮތުގައި އެމީހުން ދޮށީ އުމުރުގެ އަންހެނުންނާއި ކައިވެނިކުރަން ބޭނުންވާ ސަބަބުތައް ގިނައެވެ. މިލިޔުމުގައި އަޅުގަނޑު ބަލާލާނީ މިސަބަބުތަކަށެވެ.
- އުމުރުން ދޮށީ އަންހެނުންނަށް ދިރިއުޅުމަކީ ކޮބައިކަން އެނގޭ
މިފަދަ އަންހެނުންނަށް ދިރިއުޅުމަގައި އެމީހުން ޙާސިލުކުރަން ބޭނުންވާ ލަނޑުދަޑިތަކެއް ވެއެވެ. އަދި އެލަނޑުދަނޑިތައް ޙާސިލުކުރުމަށްޓަކައި ދިރިއުޅުން ކުރިޔަށް ގެންދާނެގޮތް އެމީހުން ދަނެއެވެ. އަދި ހިތްމަތާއިއެކު މަސައްކަތްކޮށް މިދެންނެވުނު ކާމިޔާބީއާއި ހަމަޔަށް ވާސިލުވުމަށް މަސައްކަތްކުރެއެވެ. މިއާ ޚިލާފަށް ގިނަ ފިރިހެނުން ބުނާ ގޮތުގައި ޒުވާން އަންހެނުން ދިރިއުޅުމުގައި މާ ޑްރާމާބޮޑުވެފައި ދިރިއުޅުމުގެ ހަޤީޤީ މާނަ ނޭގެއެވެ.
- މިފަދަ އަންހެނުންގެ "މޮޓޯ" އަދި ޤަބޫލުކުރާ ޤަބޫލުކުރުންތައް ތަފާތު
އުމުރުން ދޮށީ އަންހެނުން ދިރިއުޅުމުގައި އެމީހުންގެ ޙަޔާތުގެ ބައިވެރިޔާއަށް އެކިގޮތްގޮތުން ދިރިއުޅުމުގައި ކާމިޔާބުވުމަށް ފުރުސަތު ފަހިކޮށްދެއެވެ. އަދި އެފަދަ އަންހެނުންގެ ވިސްނުން ތަރައްޤީވެ ދިރިއުޅުމުގައި ކުރެވިފައިވާ ތަޖުރިބާތައް ޒުވާން އަންހެނުންނަށްވުރެ ގިނަވާނެއެވެ. އެހެންކަމުން ޒުވާން ފިރިހެނުންނަށް މިފަދަ އަންހެނުންނާއިއެކު ދިރިއުޅުމުގައި މާބޮޑު ޒިންމާއެއް ނަގާކަށް ނުޖެހެއެވެ. އެހެނީ ދިރިއުޅުމުގެ ހުރިހާ ކަމެއް ވިސްނުންތެރިކަމާއެކު ގެންދަން އަނބިމީހާއަށް އެނގެއެވެ.
- މިފަދަ އަންހެނުންނަކީ މިނިވަން، އަމިއްލަ ނަފްސަށް ޔަޤީންކަން އޮންނަ ބައެއް
ދޮށީ އުމުރުގެ އަންހެނުންނާއި ކައިވެނިކުރާ ފިރިހެނުން ބުނާގޮތުގައި ޒުވާން އަންހެންކުދިން ހުރިހާ ގޮތަކުންވެސް ފިރިމީހާއަށް ބަރޯސާވެއެވެ. އަބަދުވެސް ޝައުގުވެރިކަން ހޯދަން މަސައްކަތްކުރުމާއި ކަންކަމަށް ބޮޑާހޭކުމަކީ އެމީހުންގެ އާދައެކެވެ. ނަމަވެސް ދޮށީ އަންހެނުން މިއާ ތަފާތެވެ. އެމީހުން އަމިއްލަ މިނިވަންކަން އިޙްތިޔާރުކުރެއެވެ. ފިރިމީހާއަށް ބަރޯސާނުވެ ދިރިއުޅުން ކުރިޔަށް ގެންދެއެވެ. މިކަމަކީ ފިރިހެނުން ނުހަނު ގަޔާވާ ކަމެކެވެ. ސަބަބަކީ އަބަދު އަނބިމީހާއަށް ފޯކަސްކޮށްގެން ދިރިއުޅެން އެމީހުން ބޭނުންނުވާތީއެވެ.
- ޢުމުރުންދުވަސްވީ އަންހެނުން މާލީގޮތުން މާ ތަނަވަސް
ޒުވާން ފިރިހެނުން އެމީހުންނަށްވުރެ ޢުމުރުން ދޮށީ އަންހެނުންނަށް ޝައުޤުވެރިވާ އެންމެ ބޮޑު އެއްސަބަކަށް ފައިސާވެއެވެ. ފައިސާގެ ގޮތުން ތަނަވަސްވުމަކީ ކޮންމެ މީހަކަށްވެސް ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެކަމެކެވެ. ޚާއްސަކޮށް ފައިސާގެ ދަތިކަމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލު ލިބޭނެ ކަމެކެވެ. އެހެންކަމުން މިފަދަ ފިރިހެނުން ޤަބޫލުކުރާ ގޮތުގައި ހަމަޖެހޭ ދިރިއުޅުމަކަށްޓަކައި ދޮށީ އުމުރުގެ އަންހެނުން އިޙްތިޔާރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ ދޮށީ އަންހެނުން އެމީހުންގެ ހަޔާތުގެ ބޮޑުބައި ފައިސާ ރައްކާކުރުމުގައި ހޭދަކުރެއެވެ. މިފަދަ އަންހެނުން ގަބޫލުކުރާގޮތުގައި އެމީހެއްގެ ދިރިއުޅުމުގެ މުހުތާދުތައް ފުއްދާނީ އެމީހެކެވެ. އެހެންކަމުން ދޮށީ އަންހެނުންނާއި ކައިވެނިކުރާ ފިރިހެނުންނަށް ފައިސާ އާއި މެދު މާބޮޑަށް ވިސްނާކަށް ނުޖެހެއެވެ.
- އެމީހުންގެ ޖަޒުބާތުތައް ފޮރުވަން ދަނޭ
ދޮށީ އުމުރުގެ އަންހެނުން ދިރިއުޅުމުގައި ކުރެވިފައިވާ ތަޖުރިބާތަކުގެ އަލީގައި އެމީހުނަށް ދިމާވާ ކަންކަމަށް ކެތްކުރަން ދަސްކުރެއެވެ. އަދި މައްސަލަތައް ދިމާވާ ކޮންމެ ފަހަރަކު ވީހާވެސް އަވަހަކަށް އެކަމަކުން އަރައިގަންނަން މަސައްކަތްކުރެއެވެ. އެމީހުން އަމިއްލައަށް ޖަޒުބާތުތައް ކޮންޓްރޯލްކޮށް މަޖާކުރަންވީ ކޮންވަގުތުތަކެއްގައިކަން ދަނެއެވެ. ދޮށީ އުމުރުގެ އަންހެނުންވެސް ބައިވެރިޔާއާއިއެކު އުފާވެރި ވަގުތުތައް ހޭދަކުރަން ބޭނުންވެއެވެ.
- އެމީހުންގެ "ޓޭސްޓް" ތަފާތު
ދޮށީ އުމުރުގެ އަންހެނުންނަށް ކަމުދާ ގިނަކަންކަން ޒުވާން އަންހެނުންނަށްވުރެ ތަފާތެވެ. މިއީ މިއުމުރުގެ އަންހެނުން ޒުވާން ފިރިހެނުންނަށް ކަމުދާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ޒަމާނީ ޅައަންހެންކުދިންގެ ވިސްނުމާއި އެމީހުންގެ ފެޝަންތަކާއި އެމީހުންނަށް ކަމުދާ ކަންކަމަށްވުރެ ދޮށީ އުމުރުގެ އަންހެނުންނަށް ކަމުދާ ކަންކަން މާ ބޮޑަށްވެސް ތަފާތުވެފައި ހިތްގައިމެވެ.
- ދޮށީ އަންހެނުންނަކީ މުޢާމަލާތުކުރަން ދަންނަ ބައެއް
މިއުމުރުގެ އަންހެނުންނަކީ ރީތިބަހުން މުޢާމަލާކުރަން އެނގޭ ބައެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މިއުމުރުގެ އަންހެނުން އެމީހުންގެ އުމުރުން ތިރީސް އަހަރުވާއިރު ޑިގްރީ ފެންވަރު ހުރެއެވެ. އެހެންކަމުން ކިޔަވައިގެން ތިބޭ އަންހެނުންނަށް ދިރިއުޅުމުގެ އެކި ޙާލަތްތަކުގައި މުޢާމަލާތުކުރަން ފަސޭހަވެއެވެ. ގިނަ ކަންކަމާއި ބެހޭ މައުލޫމާތު ބައިވެރިއާއި ހިއްސާކޮށް ބައިވެރިޔާއަށް ކަމުދާ ކަހަލަ ވާހަކަތައް ދައްކައެވެ. މިގޮތަށް މުޢާމަލާތުކުރާ ގިނަ އަންހެނުން ދެކެ ޒުވާންފިރިހެނުން ގަޔާވެއެވެ.
- އެމީހުންނަކީ މޮޅަށް ކައްކަން ދަންނަ ބައެއް
މިޒަމާނުގެ ޒުވާން އަންހެން ކުދިންނަކީ ބޭރުން ކެއުމަށާއި ކާއެއްޗެހި އޯޑަރކޮށްގެން ގެންނަން ފޯރިހުންނަ ބައެކެވެ. ނަމަވެސް ދޮށީ އުމުރުގެ އަންހެނުންނަކީ ގޭގައި ފައިދާހުރި ކާނާ ތައްޔާރުކޮށް އާއިލާއާއިއެކު ވަގުތު ހޭދަކުރަން ބޭނުންވާ ބައެކެވެ. އަދި ޒުވާން ފިރިހެނުންނަށް ކަމުދަނީވެސް މީރުކޮށް ކައްކާ އަންހެނުންނެވެ. އެހެންކަމުން މިސަބަބަކީ ވެސް ޒުވާން ފިރިހެނުން އެމީހުންނަށްވުރެ ދޮށީ އަންހެނުންނާއި ކައިވެނިކުރާ ސަބަބެކެވެ.
މިއީ އުމުރުގެ ތަފާތު ބޮޑުކޮށް ކައިވެނިކޮށް ނުވަތަ ކުރަން ބޭނުންވާ މީހުންގެ ޚިޔާލެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް މިކަން އާންމު ނޫން ނަމަވެސް މިއީ އަޅުގަނޑުމެންގެ ކީރިތި ރަސޫލާގެ ޙަޔާތްޕުޅުންވެސް ފެންނަން އޮތް ކަމެކެވެ. ކީރިތި ރަސޫލާގެ ފުރަތަމަ އަނބިކަނބަލުން ޚަދީޖަތުގެފާނާއި ކައިވެނި ބައްލަވައިގެން އިރު އެއީ ހުވަފަތްވެފައި އިންނެވި ނަމަވެސް އަމިއްލައަށް ވިޔަފާރި ކުރައްވައިގެން ދިރިއުޅުން ކުރިއަށް ގެންދެވި ހިތްވަރުގަދަ ކަނބަލެކެވެ.
