އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް އާސެނަލް ކުޅުނު 'ލަންޑަން ޑާބީ' ގައި ދެ ޓީމު 2-2 އިން އެއްވަރުވިއިރު، ފަހަތުންއަރައި ބޯންމައުތު ބަލިކޮށް ބްރައިޓަން އިން ތާވަލްގެ ތިންވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު އާސެނަލް ވަނީ ތާވަލްގެ ފަސްވަނަ އަށް ވެއްޓިފައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ޓޮޓެންހަމް ހަތަރެއްގައި އޮތީ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ބްރައިޓަން އަށް ހަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. ލިވަޕޫލް ވަނީ ހަ މެޗުން 16 ޕޮއިންޓް ހަމަކޮށްފައެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 26 ވަނަ މިނެޓުގައި އާސެނަލުން ލީޑްނެގީ ޓޮޓެންހަމްގެ އާޖެންޓީނާ ޑިފެންޑަރު، ކްރިސްޓިއަން ރޮމޭރޯ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. މިއީ އާސެނަލްގެ އިނގިރޭސި ވިންގް، ބުކާޔީޯ ސަކާ ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރޮމޭރޯ އަތުން ވަތް ގޯލެކެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޓޮޓެންހަމް އިން އެއްވަރުކުރީ ކެޕްޓަން ސޮން ހެއުން-މިން ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑޫޖެހުމަށް އެހީތެރިވެދިނީ ޖޭމްސް މެޑިސަން އެވެ.

އާސެނަލުން ދެވަނަ ހާފު ފެށިއިރު، އަނިޔާގެ ސަބަބުން އެ ޓީމުގެ މެދުތެރޭގައި ކުޅެމުންދިޔަ ޑެކްލަން ރައިސް އާއި ފަބިއޯ ވިއޭރާގެ ބަދަލުގައި ޖޯޖީނިއޯ އާއި ކައީ ހަވާޓްޒް ވަނީ ކުޅެން ނެރެފައެވެ.

އާސެނަލުން އަލުން ލީޑްނެގީ، 54 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސަކާ ވައްދާލި ލަނޑުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ރޮމޭރޯގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ރެފްރީ މި ޕެނަލްޓީ ދޭން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.

ޓޮޓެންހަމުން ދެވަނަ ފަހަރަށް އެއްވަރުކުރީ،  ފަހު ހާފުގައި ކުޅެން ނިކުތް އާސެނަލްގެ މިޑްފީލްޑަރު، ޖޯޖީނިއޯ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެޑިސަން ދިން ޕާހަކުން ސޮން ކާމިޔާބުކުރި ގޯލުންނެވެ.

ލީގުގައި މިރޭ ބްރައިޓަންގެ ދަނޑުގައި ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ބޯންމައުތު އިންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް މިި ލަނޑުޖަހައިދިނީ ޑޮމިނިކް ސޮލާންކޭ އެވެ. މިއީ ބްރައިޓަންގެ ގޯލްކީޕަރު، ބާޓް ވާބްރުގެން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސޮލާންކޭ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ބްރައިޓަން އިން އެއްވަރުކުރީ ބޯންމައުތުގެ މިލޯސް ކާކޭޒް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. 

ދެވަނަ ހާފު ފެށިއިރު ކުޅެން ނިކުތް ޖަޕާނުގެ ވިންގް، ކައޮރޫ މިޓޯމާ ވަނީ އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. މިޓޯމާ މި ލަނޑުޖެހީ ކުޅެން ނިކުމެ ގާތްގަނޑަކަށް 16 ވަރަކަށް ސިކުންތުގެ ތެރޭގައެވެ. އޭގެފަހުން، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ބްރައިޓަން އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ވެސް މިޓޯމާ އެވެ.