އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވޭސްޓް ހޭމް ޔުނައިޓެޑް އަތުން 1-3 އިން ހޯދީ މޮޅާއެކު ލިވަޕޫލް ދެވަނަ އަށް ޖެހިލިއިރު، އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން ޗެލްސީ ބަލިވީ 1-0 އިންނެވެ.

މިރޭގެ މެޗުތަކަށްފަހު ލިވަޕޫލް ދެވަނައިގައި އޮތީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު އެވެ. އަދިވެސް އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީ އަށް ހަ މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. 

އެންފީލްޑްގައި މިރޭ ކުޅުނު މެޗުގައި ލިވަޕޫލުން ލީޑްނެގީ 16 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ މިސްރު ފޯވާޑް، މުޙައްމަދު ސަލާހު ކާމިޔާބުކުރި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން، ވެސްޓް ހޭމުން އެއްވަރުކުރީ އިނގިރޭސި ވިންގް، ޖަރޮޑް ބޮވެން ކާމިޔާބުކުރި ގޯލުންނެވެ. މެޗުގެ 42 ވަނަ މިނެޓުގައި ވްލަޑިމިއާ ސޯފާލް ނެގި ހުރަހަކުން ބޮވެން މި ލަނޑުޖެހީ ބޮލުންނެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ލިވަޕޫލްގެ ދެވަނަ ލަނޑުޖަހައިދިނީ އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒް އެވެ. މިއީ އެ ޓީމުގެ އެލެކްސިސް މެކް އެލިސްޓާ ދިން ޕާހަކުން ނޫނޭޒް ކާމިޔާބުކުރި ގޯލެކެވެ.

ލިވަޕޫލަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޕޯޗުގަލްގެ ފޯވާޑް، ޑިއޯގޯ ޔޮޓާ އެވެ. މިއީ އެ ޓީމުގެ ހޮލެންޑް ޑިފެންޑަރު، ވާޖިލް ވެން ޑައިކް ދިން ބޯޅައަކުން ޔޮޓާ ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގައި މިރޭ ކުޅުނު އަނެއް މެޗުގައި ވިލާ އަތުން ޗެލްސީ ބަލިވިއިރު، އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު އެ ޓީމުގެ ފުލްބެކް، މާލޯ ގުސްޓޯ އަށް ސީދާ ރަތެއް ދެއްކުމުންނެވެ. ވިލާގެ ލޫކަސް ޑީނިއޭ އަށް ކުރި މި ފައުލަށް ރެފްރީ އެންމެ ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު، ފަހުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށް، ގުސްޓޯ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 73 ވަނަ މިނެޓުގައި ވިލާ އަށް ކާމިޔާބުކޮށްދިނީ އޮލީ ވަޓްކިންސް އެވެ.