ފްރެންޗް ލީގުގައި ރޭ ކުޅުނު 'ލެ ކްލަސިކް ޑާބީ' ގައި ވާދަވެރި އޮލިމްޕިކް މާސޭ އަތުން 4-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި އެ ޓީމުގެ ތަރި ކިލިއަން އެމްބާޕޭ އަށް އަނިޔާވެއްޖެއެވެ.
ރޭގެ ނަތީޖާއާއެކު ޕީއެސްޖީ ވަނީ ތާވަލްގެ ތިންވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ ބްރެސްޓް އަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ނީސް އެވެ.
ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު އެ ޓީމުން ލީޑްނެގީ ހިލޭޖެހުމަކުން މޮރޮކޯގެ ފުލްބެކް، އަޝްރަފް ހަކީމީ ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މާސޭ އަށް އެއްވަރުކޮށްދޭން ވިޓީނިއާ އަށް ލިބުނު ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ޕީއެސްޖީގެ އެންމެ މުހިއްމު ކުޅުންތެރިޔާ، އެމްބާޕޭ އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. އެމްބާޕޭގެ ބަދަލުގައި ކުޅެން އެރީ ޕޯޗުގަލްގެ ފޯވާޑް، ގޮންކާލޯ ރާމޯސް އެވެ. ފަހު ހާފުގައި ޕީއެސްޖީން ޖެހި ދެލަނޑުވެސް ޖެހީ ރާމޯސް އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެއިންޓްރަކްޓް ފްރޭންކްފާޓުން ގެނައި ފޯވާޑް، ރެންޑަލް ކޯލޯ މުއާނީ އެވެ.
ލީގުގައި ޕީއެސްޖީ އަށް ދެން އޮތީ ކްލެއެމޮންޓް ފޫޓްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެވެ. އެއަށްފަހު އެ ޓީމަށް އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމާ ބައްދަލުކުރާ މެޗެވެ. މި ދެ މެޗުގައި ވެސް އެ ޓީމުގެ ފްރާންސް ތަރި އެމްބާޕޭ އަށް ކުޅެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
