ސްޕެނިޝް ލީގުގައި ރޭ ކުޅުނު 'މެޑްރިޑް ޑާބީ' ގައި އަލްވާރޯ މޮރާޓާ ވައްދާލި ދެ ލަނޑާއެކު އެތުލެޓިކޯ އިން 3-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކޮށް، އެ ޓީމުން ދަމަހައްޓަމުންއައި ސައްތައިން ސައްތައިގެ ރެކޯޑް ނިމުމަކަށް ގެނެސްފިއެވެ.

ރޭގެ މެޗަކީ ރެއާލާ ދެކޮޅަށް އެތުލެޓިކޯ އެންމެ ފަހުން ކުޅުނު 14 ޑާބީގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި އެއީ މި ފަހަރުގެ ސީޒަނުގައި ރެއާލް ބަލިވި ފުރަތަމަ މެޗުވެސް މެއެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ބާސެލޯނާ އެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ފައިދާ ގޯލްގެ ތަފާތުން ދެވަނައިގައި ޖިރޯނާ އޮތްއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ރެއާލް އޮތީ ތިންވަނައިގައެވެ. ހަތަރެއްގައި އޮތް އެތުލެޓިކް ބިލްބާއޯ އަށް 13 ޕޮއިންޓް ލިބިފައިވާއިރު، އެތުލެޓިކޯ އޮތީ ހަ މެޗުން ލިބުނު 10 ޕޮއިންޓާއެކު ފަސްވަނައި ގައެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ކުރީން ރެއާލަށް ކުޅުނު ފޯވާޑް، މޮރާޓާ އެވެ. 

މެޗުގެ 18 ވަނަ މިނެޓުގައި އެތުލެޓިކޯގެ ދެވަނަ ލަނޑުޖަހައިދިނީ އެންޓޮއިން ގްރީޒްމަން އެވެ. އޭނާ މި ލަނޑުޖެހީ ސައުލް ނިގުއޭޒް ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް، ރެއާލުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ ޓޯނީ ކްރޫސް އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި އެތުލެޓިކޯގެ ތިންވަނަ ލަނޑުޖަހައިދިނީ ވެސް މޮރާޓާ އެވެ. މިއީ ސައުލް ދިން ބޯޅައަކުން މޮރާޓާ ކާމިޔާބުކުރި ގޯލެކެވެ.