އިޓާލިއަން ލީގުގައި އިއްޔެ ކުޅުނު މެޗުގައި އެންމެ ފުލުގައި އުޅޭ އެމްޕޯލީ 1-0 އިން ބަލިކޮށް، އިންޓަ މިލާންގެ ސައްތައިން ސައްތައިގެ ރެކޯޑް ދަމަހައްޓައިފިއެވެ.
ރޭގެ މެޗުތަކަށްފަހު އިންޓަ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 15 ޕޮއިންޓާއެކު އެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި ވާދަވެރި އޭސީ މިލާން އޮތްއިރު، ތިނެއްގައި ލެއްޗޭ އަށް ފަސް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ ފަސް މެޗުން 10 ޕޮއިންޓެވެ.
މެޗު ފެށިގެން ޑޮމިނޭޓްކުރަމުންދިޔަ އިންޓަ އަށް ފުރަތަމަ ހާފުގައި ލަނޑެއްޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޑޭވިޑެ ފްރަޓޭސީ ބޮލުން ފޮނުވާލި ބޯޅަ އެމްޕޯލީގެ އާރްޑިއަން އިސްމާލީ ސަލާމަތްކުރީ ގޯލްގެ ރޮނގުމަތީންނެވެ. އޭގެފަހުން، އިންޓަގެ ފްރާންސް ފޯވާޑް، މާކަސް ތުރާމް ގޯލެއް ކާމިޔާބުކުރިއިރު، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ އޮފްސައިޑްކަމަށް ނިންމާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި އިންޓަ މޮޅުވި ލަނޑުޖަހައިދިނީ އިޓަލީގެ ވިންގްބެކް، ފެޑެރީކޯ ޑިމާކޯ އެވެ. މިއީ ގޯލާއި 20 ޔާޑު ދުރުން ހާފް ވޮލީއަކުން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.
ލީގުގައި އިންޓަ އަށް ދެން އޮތީ އަންނަ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސަސުއޯލޯއާ ބައްދަލުކުރާ މެޗެވެ. މި ހަފްތާގައި ކުޅުނު މެޗުގައި ސަސުއޯލޯ އިން ވަނީ އަމިއްލަ ދަނޑުގައި ޔުވެންޓަސް އަތުން 4-2 އިން މޮޅުވެފައެވެ.
