މިދިޔަ އާދީއްތަ ދުވަހު ކުޅެވުނު 'އުތުރު ލަންޑަން ޑާބީ' ގައި ޓޮޓެންހަމް ހޮޓްސްޕާއާ 2-2 އިން އެއްވަރުވި މެޗުގައި އާސެނަލްގެ މިޑްފީލްޑަރު، ޑެކްލަން ރައިސްގެ ބުރަކަށްޓަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ޓެސްޓުތަކުން ދައްކާފައިވާ ކަމަށް ފަހުގެ މީޑިއާ ހަބަރުތައް ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގައި ޓްރާންސްފާ ބާޒާރުގައި އިނގިރޭސިވިލާތުގައި ރެކޯޑް އަގެއް ކަމަށްވާ، 100 މިލިއަން ޕައުންޑްގެ ފީ އަކަށް ވެސްޓް ހޭމް ޔުނައިޓެޑުން އާސެނަލަށް ބަދަލުވި ރައިސް ވަނީ މިހާތަނަށްއައިއިރު ލީގުގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއްގައި ކުޅެފައެވެ. 

ރައިސް، 24،  އަށް އަނިޔާވެގެން ޓޮޓެންހަމާ  ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުން ބަދަލުކުރިއިރު، މެޗަށްފަހު ވާހަކަ ދައްކަމުން އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާ ވަނީ ރައިސް އަށް ކުޅުން ކުރިއަށްނުގެންދެވޭނެ ކަމަށް ބުނި ކަމަށާއި، އެ ގޮތަށް ކުޅުންތެރިއަކު އެހެން ބުނުމުން އިތުރު ރިސްކެއް ނަގާނެ ޖާގައެއް ނޯންނާނެ ކަމަށެވެ.

އާޓޭޓާ ދެއްކި ވާހަކައިގައި ވަނީ، ރައިސްގެ ބުރަކަށްޓަށް ލިބުނު އަނިޔާ ސީރިއަސް ނުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ބުނެފައެވެ.

ފަހުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، ރައިސްގެ ބުރަކަށްޓަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫން ނަމަވެސް، އާސެނަލަށް އަންނަ ބުދަ ދުވަހުގެ ރޭ ލީގު ކަޕްގައި ބްރެންޓްފޯޑްއާ ބައްދަލުކުރާ މެޗަށް ނަގާ ސްކޮޑުގައި ނުހިމެނޭނެ އެވެ.

އެހެންނަމަވެސް، ލީގުގައި އާސެނަލް ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ބޯންމައުތުއާ ބައްދަލުކުރާއިރު އެ މެޗުގައި ރައިސް ފެނުމުގެ ފުރުޞަތު އެބައޮތް ކަމަށް ވެސް މީޑިއާ ހަބަރުތައް ބުނެއެވެ.

އާސެނަލްގެ ކުޅުންތެރިންގެ ތެރެއިން މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި؛ ތޯމަސް ޕާޓޭ އާއި ޔޫރިއަން ޓިމްބާގެ އިތުރުން ގެބްރިއަލް މާޓިނެލީ އަދި ލެއަންޑްރޯ ޓްރޮސާޑް ހިމެނެއެވެ.

މިވަގުތު ތާވަލްގެ ފަސްވަނައިގައި އާސެނަލް އޮތްއިރު، އެންމެ ކުރީގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީއާ އެ ޓީމާ ދެމެދުގައި ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.