ވައި.އާރް.އެފްގެ ލެޖެންޑަރީ ފިލްމު އުފެއްދުންތެރިޔާ ޔާޝް ޗޯޕްރާގެ އުފަންދުވަހުގެ މުނާޞަބަތާ ދިމާކޮށް، އޭނާގެ ކުރިއަށް އޮތް ފިލްމު ކަމުގައިވާ "ޓައިގަރ 3"ގެ ޚާއްޞަ ޕްރޮމޯޝަނަލް ވީޑިއޯއެއް ދޫކޮށްލަން ނިންމައިފިއެވެ.
"ޓަައިގަރ ކާ މެސެޖް"ގެ ނަމުގައި ވީޑިއޯއެއް ބެލުންތެރިންނާ ހަމައަށް ސެޕްޓެންބަރު 27ގައި ދޫކޮށްލަން ނިންމައިފައިވާއިރު މިއީ ރަސްމީކޮށް "ޓައިގަރ 3"ގެ ޕްރޮމޯޝަން ފެށޭ ވީޑިއޯ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި 1 މިނެޓާއި 46 ސިކުންތުގެ މި ވީޑިއޯގައި ޚާއްޞަ އޭޖެންޓެއްގެ ގޮތުގައި "ޓައިގަރ 3"ގެ ޓްރެއިލަރގެ ތަޢާރުފެއް، ޚާއްޞަ މެސެޖަކާއެކު ސަލްމާން ދޭނެއެވެ. ސަލްމާން ޚާނަކީ ވައި.އާރް.އެފްގެ ސްޕައި ޔުނިވަރސް މިހާ ހަމައަށް ގެނެސްދީ ފުޅާ ކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ފަންނާނެކެވެ.

މިއަހަރުގެ ދިވާލީއާ ދިމާކޮށް ސިނަމާތަކަށް ގެންނަން މަސައްކަތްކުރާ "ޓައިގަރ 3"އަކީ ވައި.އާރް.އެފް ސްޕައި ޔުނިވަރސްގެ ފަސްވަނަ ފިލްމެވެ. އެހެންކަމުން އޯޑިއަންސް މިހާރު ތިބީ މި ފިލްމަށް ނުހަނު ފެން ބޮވައިގެންފައެވެ.
އަދިތިޔާ ޗޯޕްރާ އޭނާގެ ސްޕައި ޔުނިވަރސް ބިނާކުރަމުން ދާއިރު މިއީ 2012ވަނަ އަހަރު "އޭކް ތާ ޓައިގަރ"އިން ފެށުނު ސިލްސިލާއެކެވެ. އެއަށްފަހު 2017ގައި "ޓައިގަރ ޒިންދާ ހޭ"އާއި "ޕަޓާން" އަދި ރިތިކްގެ "ވޯރ" ވެސް މީގެ ތެރެއަށް ވަނީ ވަދެފައެވެ.
![]()
މި ޔުނިވަރސްގެ ކްރޮސްއޯވަރ އެންމެ ފުރަތަމަ ފެނިގެންދިޔައީ ޝާހްރުކް ޚާންގެ "ޕަޓާން"އިންނެވެ. "ޕަޓާން"ގެ ޚާއްޞަ އެކްޝަން ސީކުއެންސެއްގައި ސަލްމާން ޚާނާއި ޝާހްރުކް ޚާން އެކީގައި ފެނިގެން ދިޔުމީ ބެލުންތެރިންގެ ތާޢީދު ވަރަށް ބޮޑަށް މި ޔުނިވަރސްއަށް ލިބުނު ކަމެކެވެ. މަޢުލޫމާތު ލިބޭ ގޮތުގައި "ޓައިގަރ 3"ގައި ޝާހްރުކް ވެސް ސަލްމާނާއެކު ފެނިގެންދާނެއެވެ.
މަނީޝް ޝަރްމާ ޑައިރެކްޓްކުރާ މި ފިލްމުގައި ސަލްމާން ޚާނާއި ކެޓްރީނާގެ އިތުރުން އިމްރާން ޙާޝިމީ ވެސް ފެނިގެންދާނެއެވެ.
