19 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސްވިމިންގ ޓީމުގައި ހިމެނޭ މުބާލް އައްޒާމް އިބްރާހިމް، ފެތުމުގެ ގައުމީ ދެ ރެކޯޑެއް މުގުރާލައިފިއެވެ.

މިހާރު ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ މި ގޭމްސްގެ ސްވިމިންގ އިވެންޓްގައި ވާދަކޮށް މުބާލް މުގުރާލައިފައިވަނީ ފިރިހެނުންގެ ލޯންގ ކޯސް 200 މީޓަރު ފްރީސްޓައިލް އާއި 100 މީޓަރ ބްރެސްޓްސްޓްރޯކްގެ ގައުމީ ރެކޯޑެވެ.

ފްރީސްޓައިލް ރިލޭ އިވެންޓްގައި 200 މީޓަރ ލެންތު މުބާލް ފުރިހަމަކުރީ ދެ މިނެޓާއި 08.22 ސިކުންތުންނެވެ. މި ރެކޯޑް ކުރިން އޮތީ ވެސް މުބާލް އަތުގައެވެ.  އެއީ 2019 ވަނަ އަހަރު ބޭއްވުނު 18 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ދެ މިނެޓާއި 09.06 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

ފިރިހެނުންގެ ލޯންގކޯސް، 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯޑް މުބާލް މުގުރާލީ 1 މިނެޓާއި 14.73 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ ގާތްގަނޑަކަށް 17 އަހަރުވީ ރެކޯޑެކެވެ.

ކުރީން މި ރެކޯޑް އޮތީ 2006 ވަނަ އަހަރު ބޭއްވުނު 10 ވަނަ ސައުތު އޭޝިއަން ފެޑަރޭޝަން ގޭމްސްގައި އެއް މިނެޓާއި 16.33 ސިކުންތުން ރޭސް ނިންމައިގެން ޙަސަން އަޝްރަފް އަތުގައެވެ.

މި ފަހަރުގެ ގޭމްސްގައި މުބާލްގެ އިތުރުން އަލީ އިމްޢާން އާއި މިރާލް އައިން ލަތީފް ވެސް ވަނީ ފެތުމުގެ ގައުމީ އިތުރު ރެކޯޑްތަކެއް މުގުރާލައިފައެވެ.

އެގޮތުން، އިމްޢާން ވަނީ ލޯންގކޯސް ފިރިހެނުންގެ 100 މީޓަރ ބެކްސްޓްރޯކް އިވެންޓްގައި އެއް މިނެޓާއި 04.64 ސިކުންތުން ރޭސް ނިންމައިގެން ރެކޯޑެއް މުގުރާލައިފައެވެ. ކުރީން މި ރެކޯޑް އޮތީ ވެސް އޭނާ އަތުގައެވެ. އެއީ، މިއަހަރު ޖަޕާނުގެ ފުކުއޯކާގައި ބޭއްވުނު 20 ވަނަ ވޯރލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި އެއް މިނެޓާއި 04.98 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިރާލް ވަނީ ލޯންގކޯސް، އަންހެނުންގެ 200 މީޓަރ ބަޓަރފްލައި އިވެންޓުގައި ތިން މިނެޓާއި 04.45 ސިކުންތުން ރޭސް ނިންމައިގެން ރެކޯޑެއް މުގުރާލައިފައެވެ. ކުރީން މި ރެކޯޑް އޮތީ ވެސް މިރާލް އަތުގައެވެ. އެއީ، އެއީ މިއަހަރު ޖަޕާނުގެ ފުކުއޯކާގައި ބޭއްވުނު 20 ވަނަ ވޯރލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ތިން މިނެޓާއި  05.69 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިއަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރެއެވެ.