ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗީފް ފައިނޭންޝަލް އޮފިސަރގެ މަގާމަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ، ޕްރޮކިއުމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމް ހަމަޖައްސަވައިފިއެވެ.

"ނިޒާމްއެ މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މަގާމުން ވަކިވެވަޑައިގަންނަވާތީ"

އެސްޓީއޯގެ ސްޕޯކްސްޕަރސަން އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

ނިޒާމް އަކީ ފައިނޭންސް އެންޑް އެކައުންޓިންގ ދާއިރާއިން މާސްޓަރސް ހާސިލްކުރައްވައި އެ ކުންފުނީގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

މިހާދު މަގާމުން ވަކިވެ ވަޑައިގަންނަވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމް ކަމަށްވާ ކޭޕީއެމްޖީގެ ޕާޓްނަރެއްގެ  ގޮތުގައި މަސައްކަތްކުރެއްވުމަށެވެ.

މިއީ އިންޓަރނޭޝަނަލް ކޮންސަލްޓަންސީ ފާރމެއްގެ ޕާޓްނަރެއްގެ ގޮތުގައި ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އުމުރުން 26 އަހަރުގައި އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް ވަޑައިގެންނެވި މިހާދް އަކީ ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ސީއެފްއޯގެ މަގާމުގައި މިވަގުތު ހުންނެވި އެންމެ ޒުވާން ސީއެފްއޯއެވެ.

ޗާޓެޑް އެކައުންޓަންޓެއްގެ ގޮތުގައި ހުންނެވި މިހާދުވަނީ އެސްޓީއޯގައި އެގާރަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ.