މަޝްހޫރު އިންޓަނޭޝަނަލް އެމީ އެވޯޑްސް 2023 އަށް ނޮމިނޭޝަން ލިސްޓް އިއްޔެ ހާމަކޮށްފައިވާއިރު، މުޅި ދުނިޔޭގެ ތަފާތު 56 ގައުމެއްގެ ފަންނާނުން ވަނީ ނޮމިނޭޓްވެފައެވެ.
އެގޮތުން، އިންޑިއާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޝެފަލީ ޝާހް، ޖިމް ސާރްބް، އަދި މަޝްހޫރު ކޮމެޑީ ތަރި، ވީރް ދާސް ވެސް ވަނީ އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ ނޮމިނޭޝަނުން ޖާގަ ހޯދައިފަ އެވެ. މި ޚަބަރުގެ ސަބަބުން މި ތަރިންނަށް ހައިރާންކަމެއް ލިބުނުއިރު، އެމީހުން ވަނީ ސޯޝަލް މީޑިއާގައި އިހުސާސްތައް ބޭރު ކޮށްލާފައެވެ.
މަޝްހޫރު އިންޓަނޭޝަނަލް އެމީ އެވޯޑްތަކުގެ ލިސްޓް ހާމަކުރިތާ މާގިނައިރުތަކެއް ނުވެ ޝެފަލީ ޝާހު ވަނީ އެ ޚަބަރަށް ރިއެކްޓް ކޮށް އޭނާގެ ސޯޝަލް މީޑިއާގައި އުފާވެރިކަން ބަންޑުންކޮށްލާފައި އެވެ. އޭނާ ނޮމިނޭޓްވެފައިވަނީ އޭނާ ނެޓްފްލިކްސްގެ ތްރިލާ ސީރީޒް "ދިއްލީ ކްރައިމް" ގައި އަދާކޮށްފައިވާ ޑީސީޕީ ވަރްޓިކާ ޗަތުރުވެދީގެ ރޯލުން އެންމެ މޮޅު އެކްޓްރެސްގެ ގޮތުންނެވެ.
ބަތަލާ ނޮމިނޭޝަން ލިސްޓް ހިއްސާކޮށް ލިޔެފައިވަނީ އޭނާ އަށް އަދިވެސް ގަބޫލު ނުކުރުވޭކަމަށާއި ވަރަށް ބައިވަރު އަދި މޮޅު އެކްޓްރެސް ތަކާއި އެކު މި ލިސްޓުގައި ހިމެނުމަކީ ވަރަށްވެސް ޝަރަފުވެރިކަމެއް ކަމަށެވެ. އޭނާ އިތުރަށް ފާހަގަ ކުރި ގޮތުގައި ވަރްޓިކާ ގެ ރޯލަކީ އޭނާ އަށް ވަރަށް ވެސް ހާއްސަ ރޯލެއްކަމަށެވެ. ސަބަބެއް ކަމުގައި އޭނާ ބުނީ މި ރޯލަކީ އޭނާ ކުޅެފައިވާ އެހެން ރޯލުތަކާއި ވަރަށް ވެސް ތަފާތު ރޯލަކަށް ވާތީކަމަށެވެ.
ޕަދްމާވަޓްގެ އެކްޓަރު ޖިމް ސާރްބް އަކީ ހަމަ ޔަގީނުންވެސް އެއް ހުނަރުވެރި އެކްޓަރެވެ. އޭނާ ވަނީ އޭނާ އަށް ތަފާތު ރޯލުތައް ކުޅެވޭނެކަން ސާބިތުކޮށްދީފައެވެ. އޭނާ ބެސްޓު އެކްޓަރ ގެ އެވޯޑަށް ނޮމިނޭޓްވެފައިވަނީ ސޮނީ އެލްއައިވީގެ މަޝްހޫރު ޑްރާމާ ސީރީޒް "ރޮކެޓް ބޯއީސް" ގައި ޑރ.ހޯމީ ޖަހަންގިރްގެ ރޯލަށެވެ. މިކަމާއި އުފާވެރިކަން ފާޅުކުރަމުން އޭނާ ލިޔުއްވާފައިވަނީ މި ހަބަރުވެގެން ގޮސްފައިވަނީ ވަރަށްވެސް ހައިރާން ކުރުވަނިވި ހަބަރެއްގެ ގޮތުގައިކަމަށާއި އޭނާ ރޮކެޓް ބޯއިސްގައި އަދާކޮށްފައިވާނީ އޭނާވަރަށްވެސް ހިތްހަމަޖެހޭކަހަލަ ވަރަށް ވެސް ތަފާތު ރޯލެއް ކަމަށެވެ. އޭނާ ވަނީ މި ސީރީޒް ގެ ޓީމަށް އަދި އޭނާގެ ފޭނުނަށް ވަރަށްވެސް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ވަނީ އެމީ އަށް އޭނާ އާއި އެކު ނޮމިނޭޓް ވެފައިވާ ސެފާލީ އަދި ވިރް ދާސް އަށް މަރުހަބާ ވެސް ކިޔާފައެވެ.
މީގެ އިތުރުން ވިރްދާސް ވަނީ އިންޓަނޭޝަނަލް އެމީ އަށް ދެވަނަ ފަހަރަށް ނޮމިނޭޓްވެފައެވެ. އޭނާ ވަނީ ނެޓްފްލިކްސްގެ ސްޕެޝަލް "ވީރް ދާސް: ލެންޑިންގް" އަށް އެންމެ މޮޅު ކޮމެޑީ ކެޓަގަރީއަށް ނޮމިނޭޓްވެފަ އެވެ. ފުދޭވަރަކަށް ހައިރާންވެފައި ހުރި ކަހަލަ ގޮތަކަށް އޭނާ އެ ޕޯސްޓަށް ކެޕްޝަން ކޮށްފައިވާ ގޮތުން އޭނާ އަށް ހަބަރު ވެގެން ގޮސްފައި ވަނީ ވަރަށް ވެސް ހައިރާން ކުރުވަނިވި އަދި އުފާވެރި ހަބަރެއް ގެ ގޮތުގައި ކަމަށާއި އޭނާ އަށް ހުރިހާ ގޮތަކުންވެސް އެހީތެރިވެދިން ވަރަށް ބޮޑަށް ސުކުރު އަދާ ކުރާކަމަށެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް އެމީ އެވޯޑް ހަފްލާގައި ޑިރެކްޓަރޭޓް އެވޯޑުން އެކްތާ ކަޕޫރަށް ޝަރަފުވެރިކަން ދޭނެ ކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފައިވެއެވެ. މި ހާއްސަ އެވޯޑް ހަފްލާ އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ނިއުޔޯކުގަ އެވެ.
