19 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސްވިމިންގ ޓީމުގައި ހިމެނޭ ފެތުންތެރިން ގައުމީ އިތުރު ތިން ރެކޯޑެއް މުގުރާލައިފިއެވެ.
މިހާރު ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ މި ގޭމްސްގެ ސްވިމިންގ އިވެންޓްގައި ވާދަކޮށް ރާއްޖޭގެ ފެތުންތެރިން ގައުމީ ރެކޯޑް މުގުރާލީ ފިރިހެނުންގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އާއި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އަދި 100 މީޓަރު ބެކްސްޓްރޯކް އިވެންޓުންނެވެ.
މި ފަހަރުގެ ގޭމްސްގައި ލޯންގކޯސް ފިރިހެނުންގެ 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އިވެންޓު ހަތަރު މިނެޓާއި 25.69 ސިކުންތުން ރޭސް ނިންމައި، ފިރިހެން ޓީމު ވަނީ ގައުމީ ރެކޯޑް މުގުރާލައިފައެވެ. މި ފަހަރުގެ ޓީމުގައި ހިމެނެނީ؛ މުޙައްމަދު ރިޙާން ޝިހާމް، މުބާލް ޢައްޒާމް އިބްރާޙީމް، އިމްޢާން ޢަލީ އަދި އަޙްމަދު ނީޤް ނިޔާޒެވެ.
ކުރިން މި ރެކޯޑް އޮތީ އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ވާދަކުރި ސްވިމިންގ ޓީމުގެ ބައިވެރިން އަތުގައެވެ. އެ ގޭމްސްގައި ވާދަކުރި ޓީމުން ވަނީ ހަތަރު މިނެޓާއި 29.42 ސިކުންތުން ރޭސް ނިންމައިފައެވެ. އެ ފަހަރުގެ ޓީމުގައި ހިމެނުނީ؛ ރިޙާން، މުބާލް، އިމްޢާން އަދި އާން އެވެ.
ލޯންގކޯސް ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް، ރިޙާން މުގުރާލީ ފަސް މިނެޓާއި 14.03 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ. ކުރިން މި ރެކޯޑް އޮތީ މުބާލް އަތުގައެވެ. އެއީ، މިދިޔަ އަހަރު ބޭއްވި 19 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސްގައި ފަސް މިނެޓާއި 14.91 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
ލޯންގކޯސް ފިރިހެނުންގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އިމްއާން ވަނީ އަނެއްކާވެސް މުގުރާލައިފައެވެ. އިމްޢާން ވަނީ އެއް މިނެޓާއި 04.51 ސިކުންތުން ރޭސް ނިންމައިފައެވެ.
ކުރިން މި ރެކޯޑް އޮތީ އިމްޢާން އަތުގައެވެ. އެއީ، މި ފަހަރުގެ ގޭމްސްގެ ރިލޭ އިވެންޓުގައި، 100 މީޓަރު ބެކްސްޓްރޯކް ލެގް އެއް މިނެޓާއި 04.64 ސިކުންތުން ނިންމައިގެންނެވެ.
މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ، ސްވިމިންގެ އިތުރުން، އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، ބީޗް ވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން އަދި ޓޭބަލް ޓެނިސް އެވެ.
