19 ވަނަ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް މިކްސް ޑަބަލްސް އިވެންޓްގެ ގަދަ 16 ގެ ބުރުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި މޫސާ މުންސިފް އަހުމަދުގެ ޕެއާ ޖާގަ ހޯދިއިރު، ސިންގަލްސް އިވެންޓްގެ ގަދަ ކުޅުންތެރިންގެ ތެރޭގައި މުޙައްމަދު ޝައްފާން އިސްމާއިލް ހިމެނިއްޖެއެވެ.
މިހާރު ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ މި ގޭމްސްގެ މިކްސް ޑަބަލްސް އިވެންޓްގެ ގަދަ 16 ބުރުން ރާއްޖޭގެ ޕެއާ ޖާގަ ހޯދީ، މިއަދު ކުޅުނު ގަދަ 32 ބުރުގެ މެޗުގައި ޕާކިސްތާންގެ މުޙައްމަދު ޝާހް ޚާން އާއި ހާއިޤާ ހަސަން 3-2 ސެޓުން ބަލިކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ގޭމް 11-5 އިން ގެންދިޔައީ ރަފާ-މުންސިފްގެ ޕެއާ އެވެ. އެކަމަކު، ދެން ޖެހިގެންއައި ދެ ގޭމް 11-7، 16-14 އިން ގެންގޮސް ޝާހް އާއި ޙާއިޤާގެ ޕެއާ ވަނީ 2-1 ސެޓުން ލީޑްނަގައިފައެވެ. މިއާއެކު، ދެން ޖެހިގެންއައި ދެ ގޭމް 11-7، އަދި 11-9 އިން ކާމިޔާބުކޮށް ރަފާ-މުންސިފްގެ ޕެއާ ވަނީ އަނެއް ބުރުން ޖާގަ ހޯދާފައެވެ.
ސިންގަލްސް އިވެންޓްގައި ވާދަކޮށް މުންސިފް އާއި ރަފާ އަށް ކުރިމަތިވީ ނާކާމިޔާބެވެ. މަކާއޯގެ ހުން ޗީ ޗެއޮންގ އަތުން 4-1 އިން ރަފާ ބަލިވިއިރު، އެ މެޗުގެ ގޭމްތައް މަކާއޯގެ ކުޅުންތެރިޔާ ގެންދިޔައީ 11-5، 8-11، 11-9، އާއި 11-4، އަދި 11-9 އިންނެވެ.
މުންސިފް ވަނީ ބަހުރެއިންގެ އަލްޔަސް އަހުމަދު މުޙައްމަދު ޖަސިމް އަލްޔާސީ އަތުން 4-1 އިން ބަލިވެފައެވެ. މި މެޗުގެ ގޭމްތައް އަލްޔަސް ކާމިޔާބުކުރީ 11-6، 4-11، 15-13، އާއި 13-11، އަދި 11-7 އިންނެވެ.
މި އިވެންޓްގައި ރާއްޖޭން ދެން ވާދަކުރި ޝައްފާން ވަނީ ނޭޕާލްގެ ރުބިން މަހާރްޖާން އަތުން 4-1 އިން މޮޅުވެފައެވެ. މި މެޗުގެ ގޭމްތައް ޝައްފާން ގެންދިޔައީ، 11-6، 3-11، 11-8، އާއި 11-6 އަދި 11-8 އިންނެވެ.
މިފަހަރުގެ ގޭމްސްގައި ޓޭބަލް ޓެނިސް ހިމެނޭ ގޮތަށް ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، ބީޗް ވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން އަދި ސްވިމިންގ އެވެ. މިހާތަނަށްއައިއިރު ޓޭބަލް ޓެނިހުގެ ޓީމް އިވެންޓުން އަންހެން އަދި ފިރިހެން ޓީމު ވަނީ ކަޓައިފައެވެ.
