ކޮންމެ ގައުމެއްގައިވެސް އެ ގައުމެއްގެ ވެރިކަންކުރާ ގެއަކީ ތާހިރު ގެއެއްކަމުގައި ވެއެވެ. ވެރިކަމުގެ ކޮއިލުގެ ތެރެއިން މުޑުދާރު އެއްޗެހި ދައުރުވާން ފެށުމުން ދެން އެ ގައުމަކަށް ވާނޭގޮތް ނިކަން ވިސްނާލަބަލާށެވެ. ހާއްސަކޮށް ތަފާތު ކުށްކުރާ ކުށްވެރިން އެ ކޮއިލުގެ ތެރޭ އެއްކޮޅުން އަނެއްކޮޅަށް ހިނގާނަމައެވެ. މަސްތުވާ ތަކެއްޗާއި އެފަދަ ބާވަތްތައް ވެރިކަމުގެ ކޮއިލުގެ ތެރެއިން ނިއުޅޭނަމައެވެ.
އާދޭހެވެ! މިއީ ބަވަނަވެފައިވާ މިޒަމާނުގައި ނުވާނޭ ކަމެއް ނޫނެވެ. ވެރިކަމުގެ ކޮއިލުގެ ތެރެއަށް ކުށްވެރިންނާ މުޖުރިމުންނާ ގާތިލުން ނުވަންނާނޭ ކަމަށް އަހަރެމެން ހީކޮށްގެން ނުވާނެއެވެ. އެ ކޮއިލުގެ ތެރޭގައި މަސްތުވާތަކެއްޗާއި އެފަދަ އެއްޗެހި ދައުރުނުވާނޭ ކަމަށް ހީކުރެވިގެން ނުވާނެއެވެ. ޒަމާނަކީ މިއީ އެ ޒަމާނެއް ނޫނެވެ. މިއީ މިނިވަންކަމުގެ ޒަމާނެކެވެ. މިއީ އެހެންމީހަކާ ބެހޭ ޒަމާނެއް ނޫނެވެ. މިއީ ދޮގުހެދުމާ އޮޅުވާލުމުގެ ޒަމާނެކެވެ. މިއީ ހީލަތާ މަކަރުގެ ޒަމާނެކެވެ. މިއީ ފައިސާގެ މަސްތީ ޒަމާނެކެވެ. މިއީ އަމިއްލަ އެދުމައިގެން ފޯވެފައިވާ ޒަމާނެކެވެ. މިއީ ކޮންމެ ގޮތެއް ވަރިހަމަ ޒަމާނެކެވެ.
ވެރިކަމުގެ ކޮއިލުގެ ތެރެއަށް ކުށްވެރިން ވަދެ، މަސްތުވާ ތަކެތި ނިއުޅާ ހަދާނީ ރީތި ރަސްމީ ހެދުމުގައި ކަރުގޮށަށް ބާރުކޮށްގެންނެވެ. ކޯޓު ފަޓުލޫނާ ޕޮލިސްކުރި ބޫޓަށް އަރައިގެން ތިބެގެންނެވެ. ރަސްމީ އިއްޒަތުގައެވެ. ދުނިޔެ ހިނގާގޮތަށް ބަލާނަމަ މިއީ ދުނިޔޭގެ ގައުމުތަކުގައި ކަން ހިނގާފާނެ ގޮތެކެވެ. ކިޔާތީ އަޑު އަހަމެވެ! ބައެއް ގައުމުތަކުގެ ސަރުކާރުތަކުން މަސްތުވާތަކެތީގެ ވިޔަފާރި، މިހާރުވެސް ކުރެޔޯލައެވެ. ހަގީގަތެއް ހަމަ ނޭނގެއެވެ! އިސްވެ ބުނެވުނުތާއެވެ! މިއީ ކޮން ޒަމާނެއްކަން ބުނެވުނުތާއެވެ!
އެހެނަސް ވިސްނާލާށެވެ! ވެރިކަމުގެ ކޮއިލުގެ ތެރޭގައި މަސްތުވާތަކެތި ނިއުޅެން ފަށައިފިނަަމަ އެ ގައުމަކަށް ޖެހޭނީ ކޮންފަދަ ނިކަމެތި ހާލެއްތޯއެވެ. އެ ގައުމެއްގައި ވައްކަމާ ކޮރަޕްޝަނާއި ފަސާދަ އާއްމުވާނީ ދެކޭ ބަޔަކަށް ކެތްނުވާ ވަރަށެވެ. މުޖުތަމައުތެރެ ފަސާދަކޮށް ހަލާކު ކުރާނީ ދެން އަލުން ފަސޭހަ ނުވާނޭ ފެންވަރަކަށެވެ. އެ ގައުމެއްގައި އަމާންކަމޭ މި ކިޔާ ލަފުޒުވެސް، ދޫތަކުންނާ ހިތްތަކުން ފޮހެވި ފަސްލެވިދާނެއެވެ. އާއްމު އިޖްތިމާއީ ފޭރާން ވީދި ކުދިކުދިވެގެން ދާނީ އެ ފޭރާމުގެ ބައިތައް ފެންނަންވެސް ނުހުންނާނޭ ވަރަށެވެ. އަނިޔާވެރިކަމާ، އަނިޔާކުރުމާ، ބިރުދެއްކުމާއި މުދާ ފޭރުމާއި ލޭ އޮހޮރުވުންތަކަކީ ކޮންމެ ދުވަހެއްގެވެސް އާދަތަކެއް ކަމުގައި ބަދަލުވެ ނިމޭނެއެވެ. މިހެންގޮސް ކިޔާނަ ކަމެއް ނެތެވެ! ބިރުވެރި ނަމާން އެތައް ކަމެއް، އެ ގައުމަކާ ކުރިމަތިވާނެއެވެ!
ކަންއޮތީ މިހެންކަމުގައި ވުމުން، ކޮންމެ ގައުމެއްގެ ކޮންމެ މީހަކުވެސް، އެ ގައުމެއްގެ ވެރިކަމުގެ ކޮއިލު، ތާހިރު ކުރަން ސަމާލުކަން ދޭން ޖެހޭނެއެވެ. ކޮންމެ މީހަކަށްވެސް އެމީހަކަށް ކުރެވެން ހުރި މިންވަރަކުން ކުރެވެން ކުރި ކަމެއް ކުރަން ވާނެއެވެ. ފަރުދީ ފެންވަރުގައްޔާއި ގައުމީ ފެންވަރުގައެވެ. ގައުމުތަކުގެ ދިފާއީ ބާރުތަކުންނާއި ސަލާމަތީ ބާރުތަކުންވެސް މިކަންކަމަށް ފަރުވާތެރިވާން ވާނެއެވެ. ވެރިކަމުގެ ކޮއިލު ތެރޭގައި މަސްތުވާތަކެތި ނިއުޅާނީ ފާޅުގައި ބިއްޖެހިގެން ތިބޭ ހާލުގައެއް ނޫނެވެ. އެބައިމީހުން އެކަންކަން ކުރާނީ ރަސްމީ "އިއްޒަތުގައެވެ"! ވީއިރު މިއީ ފަސޭހައިން ލޮލުގައި އަޅައިގަންނާނޭ ކަމަކަށް ނުވެދާނެއެވެ. ލޮލުގައި އަޅައިގަންނާނީ އެ ގައުމަކަށް ވަމުންދާ ގޮތްތައް އެކަންޏެވެ.
އަދުގެ މި ބަވަނަވެފައިވާ ޒަމާނުގައި މިކަމުގެ ބިރުވެރިކަން ހަމަ ކޮންމެ ގައުމަކަށްވެސް އެބަ އޮތެވެ. މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތަކުން އަބަދުވެސް ބާރުވެރިކަން ބޭނުންވާނެއެވެ. ހޯދަން މަސައްކަތްކުރާނެއެވެ. ގޮށްމުށަކުން ނޫނެވެ. ލަކުޑިބުރިތަކާ ތޫނު ހަތިޔާރަކުން ނޫނެވެ. ނަމަވެސް މޭޒުމަތިންނެވެ. އިދާރީ ގޮތުންނެވެ. ސިޔާސީ ގޮތުންނެވެ. ވެރިކަމުގެ ގޮތުންނެވެ. ވެރިކަމުގެ ކޮއިލުގެ ތެރެއިންނެވެ. އެހެންކަމުން މިއީ ކޮންެމެ ގައުމެއްގައިވެސް، އެ ގައުމެއްގެ އަފުރާދުން ވިސްނާ ފިކުރު ކުރުން މުހިއްމު ކަމެކެވެ. އެއީ އެބައިމީހުންގެ ދަރީންނާއި، ދަރީންގެ ދަރީންގެ މުސްތަގުބަލައްޓަކައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން