އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، އާސެނަލް، ލިވަޕޫލް އަދި ޗެލްސީ އަނެއް ބުރުން ޖާގަ ހޯދިއިރު، ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެ، މެންޗެސްޓާ ސިޓީ އެ މުބާރާތުން ކަޓައިފިއެވެ.
ބްރެންޓްފޯޑްގެ ދަނޑުގައި އާސެނަލް މޮޅުވީ 1-0 އިންނެވެ. ލިވަޕޫލުން ވަނީ ފަހަތުންއަރައި 3-1 އިން ލެސްޓާ ސިޓީ ބަލިކޮށްފައެވެ. ބްރައިޓަން އަތުން ޗެލްސީ މޮޅުވީ 1-0 އިންނެވެ. ނިއުކާސަލްގެ ދަނޑުގައި ސިޓީ ބަލިވީ 1-0 އިންނެވެ.
ބްރެންޓްފޯޑްގެ ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 8 ވަނަ މިނެޓުގައި އާސެނަލަށް ކާމިޔާބުކޮށްދިނީ ރީސް ނެލްސަން އެވެ. މިއީ އެ ޓީމުގެ ފޯވާޑް، އެޑީ އެންކެޓިއޭ ދިން ބޯޅައަކުން ނެލްސަން ކާމިޔާބުކުރި ގޯލެކެވެ.
ގިނަ ބަދަލުތަކާއެކު ނިކުތް މި މެޗުގައި އާސެނަލްގެ ކެޕްޓަންކަން ކުރީ އިޓަލީގެ މީޑްފީލްޑަރު، ޖޯޖީނިއޯ އެވެ. ރޭގެ މެޗުގައި އާސެނަލްގެ އިނގިރޭސި ވިންގް، ބުކާޔޯ ސަކާ އަނިޔާގެ ސަބަބުން ނުކުޅޭއިރު، އެ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް ފެށީ ބެންޗުންނެވެ.
އެންފީލްޑްގައި ރޭ ލިވަޕޫލް ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ލެސްޓާ އިންނެވެ. މެޗު ފެށިތާ ތިން މިނެޓުގެ ތެރޭގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ކޭސީ މެކްއަޓިއާ އެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ލެސްޓާ ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ކޯޑީ ގަކްޕޯގެ ގޯލުން ލިވަޕޫލް އެއްވަރުކުރިއިރު، މެޗުގެ 70 ވަނަ މިނެޓުގައި އޭރިޔާބޭރުން ޑޮމިނިކް ސޮބޯސްލާއީ ޖެހި މޮޅު ގޯލާއެކު ފުރަތަމަ ފަހަރަށް އެ ޓީމުން ލީޑްނެގިއެވެ. އަދި އޭގެފަހުން، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ލިވަޕޫލްގެ ތިންވަނަ ލަނޑުޖަހައިދިނީ ޕޯޗުގަލްގެ ފޯވާޑް، ޑިއޯގޯ ޔޮޓާ އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، 50 ވަނަ މިނެޓުގައި ޖަހައިދިނީ ނިކޮލަސް ޖެކްސަން އެވެ. މި މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ މިއީ ސީޒަނުގައި މިހާތަނަށް އެ ޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކަށް ނިމުމެއް ގެނެސް، މި ފަހަރުގެ ސީޒަނުގެ 'ޓާނިންގ ޕޮއިންޓް' ކަމަށް ހެދިދާނެ ކަމަށެވެ.
މި މުބާރާތުގައި ރޭ ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ކުޅުނު މެޗުގައި ސިޓީގެ މައްޗަށް އެ ޓީމުން ކުރިހޯދިއިރު، ހަމައެކަނި ލަނޑުޖަހައިދިނީ އަލެކްސެންޑާ އިސާކް އެވެ. ގިނަ ބަދަލުތަކާއެކު ސިޓީން ރޭގެ މެޗަށް ނިކުތްއިރު، އެ ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ؛ ނޯވޭ ފޯވާޑް، އާލިން ބްރައުޓް ހާލަންޑްގެ އިތުރުން ކައިލް ވޯކާ އާއި ރުބެން ޑިއާސް އަދި ގޯލްކީޕަރު އެޑަސަން މޮރައެސް ނުކުޅެއެވެ.
ލީގު ކަޕްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެސްޓަން ވިލާގެ ދަނޑުގައި 1-2 އިން އެވަޓަން ވަނީ މޮޅުވެފައެވެ. ނޯވިޗް ސިޓީ އަތުން ފުލަމް މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ. ލިންކަން ސިޓީގެ ދަނޑުގައި 0-1 އިން ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވިއިރު، ބްލެކްބާން ރޯވާސް ވަނީ 5-2 ގެ ނަތީޖާއަކުން ކާޑިފް ސިޓީ ބަލިކޮށްފައެވެ.
