ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މިވަގުތު އެންމެ ކުރީގައި އުޅޭ ބާސެލޯނާ މޮޅުނުވުމުގެ ފައިދާނަގައި ޖިރޯނާ އާއި ރެއާލް މެޑްރިޑުން ތާވަލްގެ ކުރިއަށް ޖެހިލައިފިއެވެ.

ޖިރޯނާ ވަނީ ރަށުން ބޭރުގައި 2-1 އިން ވިޔަރެއާލް ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި ލަސް ޕަލްމާސް އަތުން ރެއާލް މޮޅުވީ 2-0 އިންނެވެ.

ލީގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބާސެލޯނާއާ މަޔޯކާ 2-2 އިން އެއްވަރުވުމުން، ރޭގެ މެޗުތަކުން މޮޅުވެގެން ޖިރޯނާ އާއި ރެއާލުން ވަނީ އެ ޓީމަށް ވުރެ ކުރިއަށް ޖެހިލާފައެވެ. ރޭގެ މެޗުތަކަށްފަހު ޖިރޯނާ އެއްވަނައިގައި އޮތީ ކުޅުނު ހަތް މެޗުން ލިބުނު 19 ޕޮއިންޓާއެކު އެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ރެއާލް އޮތްއިރު، ބާސެލޯނާ އޮތީ ހަތް މެޗުން ލިބުނު 17 ޕޮއިންޓާއެކު ތިނެއްގައެވެ. ހަތަރުވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އަށް ހަތް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.

ވިޔަރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ފަހު ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނެޓުގައި ޑެނީ ޕަރޭހޯ ކާމިޔާބުކުރި ޕެނަލްޓީއަކުން ވިޔަރެއާލުން ވަނީ ލީޑްނަގައިފައެވެ.

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ރެއާލް މެޑްރިޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އޭގެފަހުން، މެޗުގެ 56 އާއި 61 ވަނަ މިނެޓުގައި އާޓެމް ޑޮވްބީކް އާއި އެރިކް ގާސިއާ ކާމިޔާބުކުރި ލަނޑުތަކުން ޖިރޯނާ ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

ލަސް ޕަލްމާސް އަތުން ރެއާލް މޮޅުވި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ބްރަހިމް ޑިއާޒް އެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ނުވަ ވަރަކަށް މިނެޓުގެ ތެރޭގައި ރެއާލްގެ ދެވަނަ ލަނޑުޖަހައިދިނީ ހޮސެލޫ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބިލްބާއޯގެ ދަނޑުގައި 2-2 އިން ގެޓަފޭއާ ވަނީ އެއްވަރުވެފައެވެ. ރެއާލް ސޮސިއެޑާޑުން ވަނީ ރަށުން ބޭރުގައި 1-0 އިން ވެލެންސިއާ ބަލިކޮށްފައެވެ.