19 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބެޑްމިންޓަން އަންހެން ޓީމު ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިހާރު ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ މި ގޭމްސްގެ ޓީމް އިވެންޓުން ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމު ކުއާޓާ އިން ޖާގަ ހޯދީ މިއަދު ކުޅުނު ގަދަ 16 ގެ ބުރުގެ މެޗުގައި ނޭޕާލް އަތުން 3-1 އިން މޮޅުވެގެންނެވެ.

މިއަދު ނޭޕާލްގެ ރަޝީލާ މަހާރްޖާން އަތުން ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާޤު (ނަބާ) މޮޅުވީ 2-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ، 24-22، 19-21، އަދި 21-13 އިންނެވެ.

ދެން ކުޅުނު ގޭމްގައި ރާއްޖޭގެ އާމިނަތު ނަބީހާ އަބްދުއްރައްޒާޤު (ނަބީ) ވަނީ ސީދާ ދެ ސެޓުން ނޭޕާލްސްގެ ނަންގްސަލް ތަމަންގ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ނަބީ ގެންދިޔައީ، 21-16، 21-10 އިންނެވެ.

ތިންވަނަ ގޭމްގައި ރާއްޖޭގެ އައިޝަތު އަފްނާން ރަޝީދު އަތުން ނޭޕާލްގެ އަނޫ މާޔާ ރާއީ މޮޅުވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ނޭޕާލްގެ ކުޅުންތެރިޔާ ކާމިޔާބުކުރީ 21-9، 21-11 އިންނެވެ.

އެއަށްފަހު ދެން ކުޅެވުނު ހަތަރުވަނަ ގޭމްގައި ރާއްޖޭގެ ނަބާ-ނަބީގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ނޭޕާލްގެ ނީތާ ލަމްސާލް އާއި ނަންގްސަލް ތަމަންގ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ނަބާ-ނަބީ ގެންދިޔައީ، 21-13، 21-19 އިންނެވެ.

ކުއާޓާގައި ރާއްޖެ ނިކުންނާނީ ދެކުނު ކޮރެއާ އާ ދެކޮޅަށެވެ. 

މިއަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، ބީޗް ވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން، ޓޭބަލް ޓެނިސް އަދި ސްވިމިންގ އެވެ.