އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 62 އަހަރުގެ ޕޯލް ޑާންސް ނަމަކަށް ކިޔާ އިލެކްޓްރިޝަނަކު، އޭނާގެ ލޮލުގެ ފެނުން ރަގަޅު ކުރުމަށް 4 އޮޕަރޭޝަންކޮށްގެން ވެސް ލޮލުގެ ފެނުން ރަގަޅުނުވުމުން އައިނު އަޅަން ބޭނުން ނުވާތީ އަމިއްލއަށް މަރުވެއްޖެއެވެ. މީނާގެ މި އޮޕަރޭޝަންތަކަށް އޭނާ ވަނީ 6،990 ޕައުންޑް ހޭދަކޮށްފައެވެ.
އޭނާގޭގައި އަމިއްލައަށް މަރުވެފައި އޮއްވާ ފެނުނުއިރު މަރުވުމުގެ ކުރިން ލިޔެފައިވާ ނޯޓެއްގައިވަނީ އޭނާމަރުވަނީ ލޮލުގެ ފެނުން ފުސްކަމުން އެކަމަށް ޚަރަދުކޮށްގެންވެސް ޙައްލެއް ނުލިބުމުން ކަމަށެވެ. 4 ސަރޖަރީއަށް ފަހުވެސް އޭނާގެ ލޯހުންނަނީ އަބަދު ހިކިފައިވާ ކަމަށްވެސް އެނޯޓްގައިވެއެވެ.
ޕޯލްގެ ބައިވެރިޔާ ހާމަކުރިގޮތުގައި ލޮލުގެ ފެނުން ފުސްވުމުގެ ސަބަބުން ޕޯލްގެ ވަޒީފާއަދާ ނުކުރެވޭނެކަމަށް ހީވެ އޭނާ ހުންނަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ޕޯލްގެ ބައިވެރިޔާއަކީ ނަރުހެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. މީނާވަނީ ޕޯލްގެ މަރާއި ގުޅިގެން މިފަދަ ކަންކަމަށް މީހުން ހޭލުންތެރިކުރުވުމަށް ޚާއްސަ ކެމްޕޭނެއް ފަށާފައެވެ.
މީގެ ދެއަހަރުން ކުރިންވެސް އިނގިރޭސިވިލާތުގެ ޓީވީ ޕްރެޒެންޓަރަކު ވަނީ، ލޮލުގެ އޮޕަރޭޝަނަށް ފަހު ލޮލުގެ ފެނުން ރަގަޅު ނުވުމުގެ ސަބަބުން އަމިއްލައަށް މަރުވެފައެވެ.
