19 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކްރިކެޓް ޓީމު މިއަދު ކުޅުނު މެޗުން ނޭޕާލް އަތުން ބަލިވެ، ކަޓައިފިއެވެ.
މިހާރު ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ މި ގޭމްސްގެ ކްރިކެޓް އިވެންޓްގެ ޕްރިލިމިނަރީ ބުރުގެ ގްރޫޕް އޭ ގައި މިއަދު ކުޅުނު މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވީ 138 ލަނޑުންނެވެ.
މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ ކްރިކެޓް ޓީމު ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު މޮންގޯލިއާ އާ ބައްދަލުކުރި މެޗު ކާމިޔާބުކުރީ ނުވަ ވިކެޓުންނެވެ.
މިއަދު ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ނޭޕާލުން ގަސްދުކުރީ ބެޓް ކުރާށެވެ. އެ ޓީމުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ވިކެޓަށް 212 ލަނޑު ހެދިއެވެ. މި އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ކެޕްޓަން، ރޯހިތު ކުމާރް ޕައުޑެލް ވަނީ 27 ބޯޅައިން 52 ލަނޑު ހަދައިފައެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނު ކުޝާލް މައްލާ ނުބައިނުވެ 20 ބޯޅައިން 47 ލަނޑު ހެދިއެވެ.
މި އިނިންގްސްގައި ރާއްޖޭން އެންމެ ރަނގަޅަށް އުކި އިސްމާއިލް ނަޒްވާން ބަދީއު، ހަތަރު އޯވަރުގެ ތެރޭގައި 17 ލަނޑަށް ތިން ވިކެޓްނެގިއިރު، ނާއިލް އިސްމާއިލް ނަސީރު އާއި މުޙައްމަދު މިއުވާން އަދި މުޙައްމަދު ރަޔާން ތޮލާލް ކުރެން ކޮންމެ އުކުންތެރިއަކު ވިކެޓެއްނެގިއެވެ.
ރާއްޖޭން ކުޅެން އަރައި، 19.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 74 ލަނޑަށެވެ. މި އިނިންގްސްގައި ރާއްޖޭގެ ހަ ކުޅުންތެރިއަކު ނުބައިވީ ސުމަކަށެވެ. އެންމެ ރަނގަޅަށް ކުޅުނީ 34 ބޯޅައިން 36 ލަނޑުހެދި މުޢާވިޔަތު އަބްދުލް ޣަނީ އެވެ. އޭނާ ވަނީ ދެ ފަހަރު ހަޔަކަށް އަދި ހަތަރަކަށް ޖަހައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 29 ބޯޅައިން 12 ލަނޑުހެދި ރައްސާމް ރަޝީދު އެވެ. މި އިނިންގްސްގައި ރާއްޖޭގެ ކުޅުންތެރިން މިހާ ދަށް ސްކޯ އަކަށް ނުބައިކޮށްލުމުގައި މުހިއްމު ދައުރެއް އަދާކުރީ ނޭޕާލްގެ އަބިނާޝް ބޮހަރާ ވަނީ ހަ ވިކެޓް ނަގައިފައެވެ.
މިއަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، ބީޗް ވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން، ޓޭބަލް ޓެނިސް އަދި ސްވިމިންގ އެވެ.
