19 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ޓީމުގައި ހިމެނޭ އަހްނާ ނިޒާރު، 200 މީޓަރު ދުވުމުގައި ވާދަކޮށް ގައުމީ ޔޫތު ރެކޯޑް މުގުރާލައިފިއެވެ.
މިހާރު ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ މި ގޭމްސްގެ އެތުލެޓިކްސް 200 މީޓަރު ދުވުމުގެ ތިންވަނަ ހީޓުގައި ވާދަކޮށް އަހްނާ ގައުމީ ޔޫތު ރެކޯޑް މުގުރާލީ، 25.66 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަހްނާ، ރޭސް ނިންމީ ހަވަނައިގައެވެ. މި ހީޓުގެ އެއްވަނަ އަށް ދިޔައީ، ސިންގަޕޫރުގެ ވެރޯނިކާ ޝާންތީ ޕެރޭރާ އެވެ. އޭނާގެ ޓައިމިން އަކީ 23.14 ސިކުންތެވެ.
އަންހެނުންގެ 200 މީޓަރު ދުވުމުގައި ރާއްޖޭން ދެން ވާދަކުރި އައިޝަތު ހިމްނާ ހަސަން ވަނީ ދެވަނަ ހީޓުގައި ދުވެ، 25.59 ސިކުންތުން ރޭސް ނިންމައިފައެވެ. ހިމްނާ ދިޔައީ މި ހީޓުގެ ހަތްވަނަ އަށެވެ. މި ހީޓުގެ އެއްވަނަ ހޯދީ ބަހުރެއިންގެ ސަލްވާ އެއިދް ނަސީރުގެ ޓައިމިން އަކީ 23.74 ސިކުންތެވެ.
ފިރިހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކުރި ރާއްޖޭގެ އަހުމަދު ނަޖުދާން ދިޔައީ ދެވަނަ ހީޓުގެ 8 ވަނަ އަށެވެ. އޭނާގެ ޓައިމިން އަކީ 23.27 ސިކުންތެވެ. މި ހީޓުގެ އެއްވަނަ ހޯދީ ޖަޕާނުގެ ކޯކީ އުއެޔާމާ އެވެ. އޭނާ ރޭސް ނިންމީ 20.82 ސިކުންތުންނެވެ.
މި އިވެންޓްގެ ފުރަތަމަ ހީޓުގައި ވާދަކުރި ރާއްޖޭގެ އިބްރާހިމް ނާހިލް ނިޒާރު ރޭސް ނިންމީ ހަތްވަނައިގައެވެ. އޭނާގެ ޓައިމިން އަކީ 22.98 ސިކުންތެވެ. މި ހީޓުގެ އެއްވަނަ ހޯދީ ޗައިނީސް ޓައިޕޭގެ ޗުން-ހަން ޔަންގް އެވެ. އޭނާ ރޭސް ނިންމީ 20.98 ސިކުންތުންނެވެ.
މިއަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، ބީޗް ވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން، ޓޭބަލް ޓެނިސް އަދި ސްވިމިންގ އެވެ.
