ރާއްޖޭގެ ބޭންކުތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ޚިދުމަތް ލިބޭނެ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފިއެވެ.

އެމްއެމްއޭ އިން ނެރެފައިވާ ދެންނެވުމެއްގައި ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަނޑައަޅުއްވާފައިވީނަމަވެސް މިއަދު ބޭންކުތަކާއި އަދި އެމްއެމްއޭއިން ޚިދުމަތް ލިބޭނެ ކަމަށެވެ.

އެގޮތުން އެމްއެމްއޭއިން ދެމުންދާ ބޭންކިންގ ޚިދުމަތް ހެނދުނު 8:30 އިން ފެށިގެން މެންދުރު 14:00 އާއި ހަމައަށް ދޭއިރު، މި ގަޑިތަކުގައި ފައިސާ ބަލައިގަތުމާއި ދޫކުރުން އަދި ސިޓީ އުރައިގައި ތަކެތި ބަލައިގަނެ ދޫކުރާނެ ކަމަށް ވެސް އެމްއެމްއޭ އިން ހާމަކޮށްފައި ވެއެވެ.

މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ސާލިހު ކަނޑައަޅުއްވާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ މަސައްކަތްތައް ނުނިމޭތީ، އެ މަސައްކަތް ކުރުމަށް އާދިއްތަ ދުވަހާއި ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީއެެވެ.

މި ނިންމުމަކީ އިލެކްޝަންގެ މަސައްކަތުގައި އާންމު ރައްޔިތުންނާއި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ ނިންމާފައިވާ ނިންމުމެކެވެ.