ފާއިޒާ ބިއުޓީ ކްރީމްއަކީ މޫނުގެ ހަމުގެ ކުލަ އަލިކޮށް ލަކުނު ފިލުވުމަށް ގިނަބަޔަކު ބޭނުން ކުރަމުން އަންނަ ކްރީމްއެކެވެ. މިކްރީމް ބޭނުންކުރާތާ 5 ވަރަކަށް ދުވަސް ތެރޭގައި ތަފާތު ފެންނަންފަށާ ކަމަށް މިބޭނުން ކުރާ މީހުން ވަނީ ބުނެފައެވެ. ނަމަވެސް ބޭނުންކުރާތާ ދުވަސް ކޮޅެއް ފަހުން ހަންގަނޑު ތުނިވެ ރަތްވާން ފަށައެވެ. ކިރިޔާ އަވީގައި ޖެހިލާއިރަށް މޫނުމަތި ހުންނަނީ ރަތްކުލަ އަރާފައެވެ. މިހެން ދިމާވާ ސަބަބަކީ ފާއިޒާގައި އެކުލެވޭ ބާރުގަދަ ނުރައްކާތެރި މާއްދާތަކުގެ ސަބަބުންނެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދި ޚާއްސަކޮށް އޭޝިއާގައި މަޝްހޫރު ހަންގަނޑު އަލިކުރާ ތަކެތި ބޭނުންކޮށްގެން ހަންގަނޑުގައި ހުންނަ ޕިގްމެންޓޭޝަންގެ މިންވަރު މަދުކޮށް ކުލަ ބަދަލުވުމާ އުމުރުން ދުވަސްވުމުން ހަމުގައި އުފެދޭ ގުދުރަތީ އެކިކަންކަމަށް ފަރުވާ ކުރެވެ އެވެ. ނަމަވެސް ނުބައިކޮށް ބޭނުންކުރުމުން ހައިޑްރޯކުއިންއޯން ހިމެނޭ ކްރީމްތައް ދިގު މުއްދަތަކަށް އުނގުޅުމުން ދިމާވާ ބްލޫ-ބްލެކް ޕިގްމެންޓޭޝަން ޑިސްއޯޑަރެއް ކަމަށްވާ އެގްޒޯޖެނަސް އޮކްރޮނޮސިސް ފަދަ ހަމުގެ ހާލަތްތައް ކުރިމަތިވާންފަށަނީއެވެ.

އެމެރިކާގެ ފެޑެރަލް ޑްރަގް އެންޑް ފުޑް އެޑްމިނިސްޓްރޭޝަނުން ކޮސްމެޓިކްސްގައި ހުއްދަކުރާ މިލިއަނަކަށް އެއް ބައި މެޓަލް އަށް ވުރެ ގިނައިން މާކިއުރީ ހުންނަކަން ވެސް ފާއިޒާގައި ވަނީ ފާހަގަ ކުރެވިފަ އެވެ. ކެމިކަލް އެލިމެންޓަށް ހުށަހެޅުމުން ފުރަމޭގެ މައްސަލަތަކާއި މަސްލް ޓްވިޗިންއާއި ބަނޑުގައި ރިއްސުމާއި މޭނުބައިކުރުމާއި ނާރުތަކުގެ މައްސަލަތައް ކުރިމަތިވެ އެވެ. އެ މިނިސްޓްރީން ބުނީ ފާއިޒާ މުޅިން މަނާކޮށްފައިވާ ކަމަށާއި މި އުފެއްދުން ވިއްކުމަކީ މިހާރު ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

ފައިޒާ ކްރީމްގައި ވަރުގަދަ ސްޓެރޮއިޑްސް ހިމެނޭތީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެތީ ފައިޒާ ކްރީމް ބޭނުންކުރުން ހުއްޓާލުމަށް ސިއްހީ މާހިރުން ލަފާދެއެވެ. ސްޓެރޮއިޑް އިންޑިއުސްޑް ޕިމްޕްލްސް، ފޮޓޯ ސެންސިޓިވިޓީ (އިރުގެ އަލީގައި ހަނގަނޑު ޖެހުމުން ދިމާވާ ނާޒުކުކަން)، ރޮޒޭޝިއާ ( ރަތް މޫނު)، އެޓްރޮފީ ކަމަށްވާ ހަންގަނޑު ތުނިވުން، ސްޓްރެޗް މާކްސްލުން، ޕިގްމެންޓޭޝަން މައްސަލަތައް، ހަންގަނޑު ހިކުމާއި ހިރުވުން، އަދި މޫނުގައި ހުންނަ އިސްތަށި އިތުރުވުންފަދަ ނޭދެވޭ އަސަރުތައް މިބޭނުންކުރުމުން ކުރިމަތިވެދާނެއެވެ. މިފަދަ ކްރީމްތަކާއި ގުޅޭ ހަމުގެ ކެންސަރުގެ ރިޕޯޓްތައް ވެސް އެބަހުއްޓެވެ. ވީމާ މިފަދަ އެއްވެސް ސްޓެރޮއިޑެއް ހިމެނޭ ފެއަރނެސް ކްރީމެއް ބޭނުން ނުކުރައްވާށެވެ. ހަންގަނޑު ސްޓެރޮއިޑަށް އެޑިކްޓްވާ ވަރަކަށް ކޮންމެވެސް ބަދަލެއް ބޭނުންކޮށްގެން މަޑުމަޑުން މި ކްރީމް ދޫކޮށްލުމަށް ފަރުވާ ބޭނުންވާނެއެވެ. އެހެންކަމުން މިފަދަ ކްރީމެއް ހުއްޓާލުމަށް އެހީބޭނުންނަމަ ޑޮކްޓަރެއްގެ ލަފާހޯދާށެވެ. 

ގިނަ ޤައުމުތަކުގައި މިބޭސް ވިއްކުން މަނާ ކޮށްފައިވީނަމަވެސް، ރާއްޖޭގެ ގިނަ ފިހާރަތަކުން މިކްރީމްތަކުގެ އިތުރުން ސައިބޯނި ފަދަ ތަކެތިވެސް ލިބެން ހުރެއެވެ.