އޭއެފްސީ ކަޕްގައި މިރޭ ކުޅުނު މެޗުގެ ފަހުވަގުތު ވައްދާލި ލަނޑާއެކު ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން އިންޑިއާގެ މޯހަން ބަގާން ސުޕަ ޖަޔަންޓް މޮޅުވެއްޖެއެވެ. މި މެޗުން މޯހަން ބަގާން މޮޅުވީ 2-1 އިންނެވެ.
މި ނަތީޖާއާއެކު ގްރޫޕް ޑީ ގެ އެއްވަނައިގައި މޯހަން ބަގާން އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ. ދެވަނައިގައި އޮތް މާޒިޔާ އާއި ތިންވަނައިގައި އޮތް ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މާޒިޔާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އެންމެ ފުލުގައި އޮތް އޮޑީޝާ އެފްސީ އަށް ޕޮއިންޓެއް ނުލިބެއެވެ.
އިންޑިއާގެ ކަލްކަތާގައި ހުންނަ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 28 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް މޯހަން ބަގާން އެވެ. މިއީ އެ ޓީމުގެ ސްކޮޓްލެންޑް ފޯވާޑް، ޖޭސަން ކަމިންގްސް ކާމިޔާބުކޮށްދިން ގޯލެކެވެ.
މާޒިޔާ އިން އެއްވަރުކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޖަޕާނުގެ މިޑްފީލްޑަރު، ޓޮމޯކީ ވާޑާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ވާޑާ ކާމިޔާބުކުރި ގޯލެކެވެ. މި ބޯޅަ ސަލާމަތްކުރަން މޯހަން ބަގާންގެ ގޯލްކީޕަރު، ވިޝާލް ކައިތު އަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ.
އޭގެކުރީން، މޯހަން ބަގާންގެ ލީޑް ފުޅާކޮށްދޭން އެ ޓީމުގެ ފޯވާޑް، ކަމިންގްސް އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކަމިންގްސް އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލުމުގެ ބަދަލުގައި މަޑުމަޑުން ޖައްސާލުމުން އެ ބޯޅަ ދެވަނަ ފަހަރަށް އެ ޓީމުގެ ޑިމިޓްރިއޯސް ޕެޓްރާޓޯސް އަށް ލިބޭގޮތެއްނުވިއެވެ. އޭނާ އަށް އެ ބޯޅަ ލިބުމުގެ ކުރީން މާޒިޔާގެ ކުޅުންތެރިން ވަނީ އެ ބޯޅަ ބޭރުކޮށްލާފައެވެ.
ދެ ޓީމު 1-1 އިން އެއްވަރުވެ، އޮވެ ނިމެންދަނިކޮށް މޯހަން ބަގާން މޮޅުވި ލަނޑު، އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ވެސް ކަމިންގްސް އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ސަހާލް އަބްދުލް ސަމަދު ދިން ބޯޅައަކުންނެވެ.
މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ބަޝުންދަރާ ވަނީ އަމިއްލަ ދަނޑުގައި 3-2 އިން އޮޑީޝާ އެފްސީ ބަލިކޮށްފައެވެ.
މި މުބާރާތުގައި މާޒިޔާ ދެން ކުޅޭ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ރަށުން ބޭރުގައި ނިކުންނާނީ އޮޑީޝާ އެފްސީއާ ދެކޮޅަށެވެ.
