ސުޕަރސްޓަރ އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ އަދި އިންޑިއާގެ ފުރަތަމަ އެއަރ ސްޓްރައިކް ޙާދިޘާގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު "ސްކައި ފޯސް" އަންނަ އަހަރުގެ އޮކްޓޫބަރު 2ގައި ރިލީޒްކުރާނެ ކަން އިޢުލާންކޮށްފިއެވެ. 

"ސްކައި ފޯސް"އަކީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގާދިޔަ ހަމަނުޖެހުމެއްގެ ތެރެއިން އިންޑިއާއިން ފުރަތަމަ ފަހަރަށް ދިން ވައިގެ ޙަމަލާއާއި އެދުވަހު ޔުނީފޯމުގައި ތިބި ފުލުހުންނާއި ސިފައިންގެ ހިތްވަރުގަދަކަން ދައްކުވައިދޭ ފިލްމެކެވެ. އިންޑިއާގެ ކުރީގެ ޕްރައިމް މިނިސްޓަރު ލާލް ބަހާދުރް ޝާސްތުރީގެ އުފަންދުވަހާ ދިމާކޮށް ރިލީޒްކުރަން ތައްޔާރުވަމުންދާކަން އަކްޝޭ ވަނީ އިއްޔެގެ ވަޤުތެއްގައި ސޯޝަލް މީޑިއާގައި ޙިއްޞާކޮށްފައެވެ. 

މިފިލްމުގައި ބޮލީވުޑަށް އަލަށް ނުކުންނަ، ޒުވާން ހުނަރުވެރި ފަރާތެއް ކަމަށްވާ ވީރް ޕަހާރިޔާ ވެސް މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ. ދިނޭޝް ވިޖާންއާއި ދޭޝްޕާންޑޭ ޕްރޮޑިއުސްކުރާ މިފިލްމުގެ ކޯ-ޑައިރެކްޓަރުންނަކީ އަބީޝޭކް ކަޕޫރާއި ސަންދީޕް ކެލްވާނީއެވެ. 

އަކްޝޭ ކުމާރު އެންމެ ފަހުނ ފެނިގެންދިޔައީ "އޯ.އެމް.ޖީ 2"އިންނެވެ. އަދި އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސިންގަމް އަގެއިން"އާއި "ބަޑޭ މިޔާނ ޗޯޓެ މިޔާނ" އަދި "ހޭރާ ފޭރީ 3"ގެ އިތުރުން "ޝަންކަރާ" ހިމެނެއެވެ.