19 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސްވިމިންގ ޓީމުގައި ހިމެނޭ ފެތުންތެރިން ގައުމީ ގިނަ ރެކޯޑްތަކެއް މުގުރާލައިފިއެވެ.

މިހާރު ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ މި ގޭމްސްގެ ސްވިމިންގ އިވެންޓްގައި ވާދަކޮށް ރާއްޖޭގެ ފެތުންތެރިން ގައުމީ ރެކޯޑް މުގުރާލީ؛ އަންހެނުންގެ 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ، ފިރިހެނުންގެ 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އާއި 4 ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓްގެ އިތުރުން އަންހެން އަދި ފިރިހެން 100 މީޓަރު ބަޓަރފްލައި އިވެންޓާއި، 200 މީޓަރު ބަޓަރފްލައި އިވެންޓް އަދި 200 މީޓަރު ބެކްސްޓްރޯކް އިވެންޓުންނެވެ.

މި ފަހަރުގެ ގޭމްސްގައި ލޯންގކޯސް އަންހެނުންގެ 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓް 10 މިނެޓާއި 50.31 ސިކުންތުން އިވެންޓް ނިންމައި ޤައުމީ ރެކޯޑް މުގުރާލިއިރު، މި ފަހަރުގެ ޓީމުގައި ހިމެނެނީ؛ ޙަނާން ހުސައިން ހަލީމް، މިރާލް އައިން ލަތީފް، ޙަމްނާ އަހުމަދު އާއި ޢީން އައްބާސް ޝަރީފް އެވެ. މި ރެކޯޑް ކުރިން އޮތީ އާމިނަތު ޝަޖަން، އައިޝަތު ސާޖިނާ، އައިޝަތު ސައުސަން އާއި އަންމާޢު އަހުމަދު ސަލީމް ހިމެނުނު ޓީމު އަތުގައެވެ. އެއީ، 2016 ވަނަ އަހަރު ބޭއްވުނު 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 10 މިނެޓާއި 51.28 ސިކުންތުން އިވެންޓް ނިންމައިގެން ހެދި ރެކޯޑެކެވެ.

ފިރިހެނުންގެ ލޯންގކޯސް 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ ތިން މިނެޓާއި 57.16 ސިކުންތުން އިވެންޓް ނިންމައިގެން ޤައުމީ ރެކޯޑް ހެދި ޓީމުގައި ހިމެނެނީ؛ މުޙައްމަދު ރިޙާން ޝިހާމް، މުބާލް ޢައްޒާމް އިބްރާޙީމް، އިމްޢާން ޢަލީ އަދި އަޙްމަދު ނީޤް ނިޔާޒެވެ. މި ރެކޯޑް ކުރީން އޮތީ ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ތިން މިނެޓާއި 58.33 ސިކުންތުން އިވެންޓް ނިންމައިގެން ރިޙާން، މުބާލް، އިމްޢާން އަދި މުޙައްމަދު އާން ހުސައިން އަތުގައެވެ.

 

ލޯންގކޯސް 4 ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑް މުގުރާލި 4 މިނެޓާއި 48.51 ސިކުންތުން އިވެންޓް ފުރިހަމަކުރި ޓީމުގައި ހިމެނެނީ، މުބާލް، އިމްޢާން، ހަމްނާ އަދި ޙަނާން އެވެ. މި ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މި އަހަރު ބޭއްވުނު ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ހަތަރު މިނެޓާއި 50.64 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. އެ ފަހަރުގެ ޓީމުގައި ހިމެނުނީ؛ އިމްޢާން، ހަމްނާ، ރިޙާން އާއި މިރާލް އެވެ.

ފިރިހެނުންގެ ލޯންގކޯސް 100 މީޓަރުބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯޑް ރިޙާން މުގުރާލީ އެއް މިނެޓާއި 2.41 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވުނު ކޮމަންވެލްތު ގޭމްސްގައި އާން އެވެ. އެއީ، އެއް މިނެޓާއި 03.35 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.

ފިރިހެނުންގެ ލޯންގކޯސް 200 މީޓަރު ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯޑް، ރިޙާން މުގުރާލީ ދެ މިނެޓާއި 28.17 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި ރެކޯޑް ކުރީން އޮތީ ވެސް ރިޙާން އަތުގައެވެ. އެއީ، މި އަހަރު ބޭއްވުނު ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ދެ މިނެޓާއި 32.93 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.

 

އިއްޔެ ކުރިއަށްދިޔަ ފިރިހެނުންގެ ލޯންގކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯޑް، އިމްޢާން މުގުރާލީ ދެ މިނެޓާއި 22.88 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި ރެކޯޑް ކުރީން އޮތީ ވެސް އިމްޢާން އަތުގައެވެ. އެއީ، މި އަހަރު ބޭއްވުނު ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ދެ މިނެޓާއި 26.43 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.

އަންހެނުންގެ ލޯންގކޯސް 100 މީޓަރު ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯޑް މުގުރާލީ މިރާލް އެވެ. އެއީ، އެއް މިނެޓާއި 13.99 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި ރެކޯޑް ކުރިން އޮތީ ހަނާން އަތުގައެވެ. އެއީ އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އެއް މިނެޓާއި 16.45 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ، ސްވިމިންގެ އިތުރުން، އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، ބީޗް ވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން އަދި ޓޭބަލް ޓެނިސް އެވެ. އަދި މި އަހަރުގެ ގޭމްސްގައި ރާއްޖޭގެ ފެތުންތެރިން ވަނީ ޖުމްލަ 14 ޤައުމީ ރެކޯޑެއް މުގުރާލައިފައެވެ.