19 ވަނަ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން ސިންގަލްސް އިވެންޓްގެ ގަދަ 16 ގެ ބުރުން ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާޤު (ނަބާ) ޖާގަ ހޯދައިފިއެވެ.

މިހާރު ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ މި ގޭމްސްގެ ސިންގަލްސް އިވެންޓްގެ ގަދަ 16 ބުރުން ނަބާ ޖާގަ ހޯދީ، މިއަދު ކުޅުނު ގަދަ 32 ބުރުގެ މެޗުގައި އީރާންގެ ޔެގާނޭ ކެރްމާނީ 2-1 ސެޓުން ބަލިކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ގޭމް 22-20 އިން ކެރްމާނީ ގެންގޮސްފައިވަނިކޮށް، ނަބާ ވަނީ ދެވަނަ ގޭމް 21-13 އިން ކާމިޔާބުކޮށްފައެވެ. އަދި އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ގޭމުން ނަބާ މޮޅުވީ 21-17 އިންނެވެ.

މި އިވެންޓްގެ ގަދަ 32 ބުރުގައި ރާއްޖޭން ދެން ވާދަކުރި ކުޅުންތެރިންނަށް ކުރިމަތިވީ ނާކާމިޔާބީއެވެ. އަންހެން ސިންގަލްސް އިވެންޓްގައި ވާދަކުރި އާމިނަތު ނަބީހާ އަބްދުއްރައްޒާޤު (ނަބީ) ވަނީ ދެކުނު ކޮރެއާގެ ކިމް ގޯއުން އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ގޯއުން ކާމިޔާބުކުރީ 21-1، 21-2 އިންނެވެ.

ފިރިހެން ސިންގަލްސް އިވެންޓްގައި ވާދަކުރި ހުސައިން ޒަޔާން ޝަހީދު ޒަކީ އަތުން ތައިލެންޑްގެ ވަންޗަރޮއެން ކަންޓަޕޮން  މޮޅުވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ތައިލެންޑްގެ ކުޅުންތެރިޔާ ކާމިޔާބުކުރީ 21-3، 21-5 އިންނެވެ. ރާއްޖޭގެ އަހުމަދު ނިބާލް އަތުން ސިންގަޕޫރުގެ ޖޭސަން ޓޭ މޮޅުވީ ވެސް ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ޖޭސަން ކާމިޔާބުކުރީ 21-8، 21-12 އިންނެވެ.

މިއަދު ކުރިއަށްދިޔަ އަންހެން ޑަބަލްސް އިވެންޓްގެ ގަދަ 32 ބުރުގެ މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރާއްޖޭގެ ނަބާ އާއި ނަބީގެ ޕެއާ އަތުން އިންޑިއާގެ ގަޔަތްރީ ގޯޕީޗާންދް ޕުލޭލާ އާއި ތްރީސާ ޖޮލީގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. އިންޑިއާގެ ޕެއާ މޮޅުވީ 21-14، 21-12 އިންނެވެ.

އަންހެން ޑަބަލްސް އަނެއް މެޗުގައި ރާއްޖޭގެ އައިޝަތު އަފްނާން ރަޝީދު އާއި މައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއާ އަތުން އިންޑިއާގެ އަޝްވިނީ ޕޮނައްޕާ މަޗިމަންޑާ އާއި ތަނީޝާ ކްރަސްޓޯ މޮޅުވީ ވެސް ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ގޭމް 21-2 އިން އިންޑިއާގެ ޕެއާ ގެންދިޔައިރު، ފަހު ގޭމްގައި ރާާއްޖޭގެ މައިސާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗުން ރިޓަޔާކުރިއިރު، އިންޑިއާގެ ޕެއާ ލީޑްކުރަމުންދިޔައީ 12-2 އިންނެވެ.

މިފަހަރުގެ ގޭމްސްގައި ބެޑްމިންޓަން ހިމެނޭ ގޮތަށް ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ، އެތުލެޓިކްސް، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، ބީޗް ވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން، ޓޭބަލް ޓެނިސް އަދި ސްވިމިންގ އެވެ.