19 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ޓީމުގައި ހިމެނޭ ފަސޫހާ އަހުމަދު، 800 މީޓަރު ދުވުމުގައި ވާދަކޮށް ގައުމީ ރެކޯޑް އާކޮށްފިއެވެ.
މިހާރު ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ މި ގޭމްސްގެ އެތުލެޓިކްސް 800 މީޓަރު ދުވުމުގެ އެއްވަނަ ހީޓުގައި ވާދަކޮށް ފަސޫހާ، ގައުމީ ރެކޯޑް މުގުރާލީ، ދެ މިނެޓާއި 20.66 ސިކުންތުން ރޭސް ނިންމައިގެންނެވެ. ފަސޫހާ، ރޭސް ނިންމީ ފަސް ވަނައިގައެވެ. މި ހީޓުގެ އެއްވަނަ އަށް ދިޔައީ، އިންޑިއާގެ ޗަންދާ އެވެ. އޭނާގެ ޓައިމިން އަކީ ދެ މިނެޓާއި 07.38 ސިކުންތެވެ.
ކުރީން މި ރެކޯޑް އޮތީ ވެސް ފަސޫހާ އަތުގައެވެ. އެއީ މިދިޔަ ޖުލައި މަހު ކުރިއަށްދިޔަ ނޭޝަނަލް ޓްރަޔަލްސްގައި ދުވެގެން، ދެ މިނެޓާއި 21.83 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިއަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، ބީޗް ވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން، ޓޭބަލް ޓެނިސް އަދި ސްވިމިންގ އެވެ.
