އިނގިރޭސިވިލާތަށް ނިސްބަތްވާ 83 އަހަރުގެ އިއަން ޓްރެއިނަރއަކީ އެފް.އެމް ރޭޑިއޯ އިން އަންނަ އިހުގެ ލަވަތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރި މީހެކެވެ. ވަޒީފާއިން ރިޓަޔަރ ވުމަށްފަހު ގިނަ ވަގުތު ގޭގައި ހުންނަ އިއަން ފޫހިފިލުވުމަށް ކުރާ ކަމަކީ ރޭޑިއޯގެ އަޑުގަދަކޮށްގެން މި ލަވަތައް އަޑުއެހުމެވެ.

ނަމަވެސް މިހެން އަޑުގަދަކޮށް ލަވަޖެހުން މަނާގަޑިތަކުގައި ލަވަޖަހައިގެން އިއަން ވަނީ 24 ހަފްތާއަށް ޖަލަށްލާފައެވެ. މިއަހަރުގެ ފެބްރުއަރީމަހު ޖަލަށްލި އިއަން މަރުވެފައިވަނީ ލިވަރޕޫލްގެ ޖަލެއްގައި މިމަހުގެ 23 ވަނަ ދުވަހުއެވެ. އޭނާ ޖަލަށްލީ އާދަޔާ ޚިލާފަށް ބާރަށް ލަވާ ޖަހާ އަވަށްޓެރިން ބިރުވެރިކަމެއްގެ ތެރެއަށް ލުމުން، އަވަށްޓެރިން ފުލުހަށް އެ މައްސަލަ ހުށައެޅުމުންނެވެ.

2019 ވަނައަހަރު ފުލުހުންވަނީ އިއަން އަށް ނަސޭހަތްތެރިވެ، ހެނދުނު 9.00 އިން ރޭގަނޑު 10.00 އަށް އަޑުގަދަކޮށް ލަވަޖެހުން މަނާކޮށްފައެވެ. ނަމަވެސް އޭނާގެ އަވަށްޓެރިން ހާމަކުރި ގޮތުގައި އިއަން މި ނަސޭހަތް އަޑުނާހާ ކޮންމެ ދުވަހަކު މިހެން އަޑުގަދަކުރާތީ އެމީހުން ތިބެނީ ހެނދުނު ދާގޮތަށް ކައިރި ޕާކްތަކާއި ރައްޓެހިންގެ ގޭގޭގައެވެ.

ކޯޓުގައި އިއަން ވަނީ އޭނާގެ ސިއްޙީ މައްސަލައެއް ހުރުމުން އެއް ކަންފަތަށް އަޑުނުއިވޭ ކަމަށާ، އެއީ އޭނާ ގަސްތުގައި ކުރާކަމެއް ނޫންކަމަށް ބުނެ ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް އިއަން ޖަލަށްލީ އަވައްޓެރިން ހެކިބަސް ދިނުމުންނެވެ.