ސަލްމާން ޚާނަކީ ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިން، އަދި މިހާރު ވެސް އެފަދަ އެތައް ފިލްމެއް ގެނެސްދޭ ހުނަރުވެރި ފަންނާނެކެވެ. ޚާއްޞަކޮށް "ރޯވ" އޭޖެންޓެއްގެ ގޮތުގައި ފެނިގެންދިޔަ "ޓައިގަރ" ފްރެންޗައިޒްގެ ފިލްމުތަކަކީ ހަމަ ފާހަގަ ކޮށްލެވޭ ކާމިޔާބު، އަދި އެހާމެ ފުރިހަމަ ފިލްމުތަކެކެވެ. އެގޮތުން ދެން ކުރިއަށް އޮތީ ވެސް "ޓައިގަރ"ގެ ރޯލުގައި އެނބުރި އައުމެވެ.
ދާދި ފަހުން ސަލްމާން ވަނީ އޭނާގެ ފިލްމީ ޙަޔާތުގައި ކުރެވުނު އިޙުސާސްތަކާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ. އޭނާ ބޮލީވުޑަށް ތަޢާރަފްވީ 1988ވަނަ އަހަރު ބިހާރީ ޑައިރެކްޓްކުރި ފިލްމު "ބީވީ ހޯ ތޯ އޭސީ"އިންނެވެ.

އޭނާގެ ފިލްމީ ޙަޔާތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެތައް ބައެއްގެ ލޯބި ލިބެމުން ދިޔަކަމަށެވެ. އަދި އޭނާ މި ދާއިރާގައި އުޅޭތާ 35 އަހަރު ވުމާއެކު އެކަން ފާހަގަކުރަން ބޭނުންވަނީ ކުރިއަށް ފިލްމު "ޓައިގަރ 3"އާއެކު ކަމަށް ވެސް އިތުރަށް ވާހަކަ ދައްކަމުން އޭނާ ވަނީ ބުނެފައެވެ. އެހެނީ މިކަމާ ގުޅިގެން "ޓައިގަރ 3"އަކީ އޭނާގެ ހުރިހާ ސަޕޯޓަރުންނަށް ދޫކޮށްލެވޭ އަގުބޮޑު، އަދި އެހާމެ ޚާއްޞަ ހަދިޔާއެއް ކަމަށް އޭނާ ޤަބޫލުކުރެއެވެ.
ދުވަސްކޮޅެއް ކުރިން "ޓައިގަރ 3"ގެ ޓީޒާއެއް ވަނީ "ޓައިގަރ ކާ މެސެޖް"ގެ ނަމުގައި ދައްކާލައިފައެވެ. އެ ވީޑިއޯއަށް ވެސް އެތައް ބައެއްގެ ސަމާލުކަމާއި ލޯބި ލިބިގެން ދިޔުމީ ބޮލީވުޑްގައި ސަލްމާން ޚާނަށް އޮތް ލޯބި އަދިވެސް ފަނޑު ނުވާ ކަމުގެ ހެއްކެކެވެ.
ކެޓްރީނާ ކެއިފާއެކު ލީޑް ރޯލުން ސަލްމާން ޚާން ފެނިގެންދާ މި ފިލްމަކީ މަނީޝް ޝަރްމާ ޑައިރެކްޓްކުރާ ފިލްމެކެވެ. ނޮވެންބަރު 10ގައި ރިލީޒްކުރަން ތައްޔާރުވަމުންދާއިރު މިފިލްމުގައި ސަލްމާނާއި ކެޓްރީނާގެ އިތުރުން އިމްރާން ހާޝިމީއާއި ޝާހްރުކް ޚާން ވެސް ފެނިގެންދާނެއެވެ.
