ބޮކްސް އޮފީހުގައި އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވުނު ފިލްމު "ލާލް ސިންގ ޗައްޑާ"ގެ އެކްޓަރު އާމިރު ޚާން، އޭނާގެ ކުރިއަށް އޮތް ފިލްމު އިޢުލާންކޮށްފިއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އާމިރު މިކަން އިޢުލާންކޮށްފައިވަނީ އިއްޔެގެ ވަޤުތެއްގައެވެ. 

ޕްރޮޑިއުސަރެއްގެ ޙައިޞިއްޔަތުން އާމިރު އިންސްޓަގްރާމުގައި ޖަހާފައިވާ ޕޯސްޓުގައި ބުނެފައިވަނީ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ސަނީ ޑިއޯލް ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ އޭނާއަށް އެންމެ ކަމުދާ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރާޖްކުމާރު ސަންތޯޝީ ކަމަށެވެ. އަދި ފިލްމުގެ ނަމަކީ "ލާހޯރް 1947"ކަން ވެސް ވަނީ ފާހަގަކޮށްފައެވެ. 

އާމިރު ޚާން އެންމެ ފަހުގެ ފިލްމު ނާކާމިޔާބު ވީނަމަވެސް މި ފިލްމުގައި މައި ރޯލު ކުޅޭ ސަނީ ޑިއޯލް މި ނުކުންނަނީ އޭނާ އެންމެ ފަހުން ކުޅުނު ފިލްމު ބޮޑުތަނުން ކާމިޔާބުކޮށްގެންނެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމު "ޤަދަރް 2" ވަނީ ބޮކްސް އޮފީހުގައި ރަނގަޅު ނަތީޖާއެއް ނެރެފައެވެ.

ސަނީއާއި އާމިރު މީގެ ކުރިން އެއްވެސް ފިލްމެއްގައި އެއްކޮށް މަސައްކަތްކޮށްފައެއް ނުވެއެވެ. ނަމަވެސް މި 2 ތަރިންގެ ރަން ޒަމާނުގައި މިއީ ބޮކްސް އޮފީހުގެ 2 ވާދަވެރިންނެވެ. އެގޮތުން 1990ވަނަ އަހަރު އާމިރުގެ "ދިލް" ރިލީޒްކުރީ ސަނީގެ "ގާޔަލް" ރިލީޒްކުރި ދުވަހުއެވެ. އަދި ހަމައެފަދައިން 1996ވަނަ އަހަރު އާމިރުގެ "ރާޖާ ހިންދުސްތާނީ"އާއި ސަނީގެ "ގަޓަކް" ވާދަކުރިއެވެ. އަދި 2001ގައި އާމިރުގެ "ލަގާން"އާއި ސަނީގެ "ޤަދަރް"އެވެ. 

އާމިރު ޚާން ޕްރޮޑަކްޝަނުން "ލާހޯރް 1947"ގެ މަސައްކަތް ލަސްނުކޮށް ފަށާނެ ކަމަށް ބުނުމުން އާމިރުގެ ފޭނުން ދަނީ އުފަލާއެކު އެކަން ބަލައިގަނެ، ކާމިޔާބަށް އެދި ސޯޝަލް މީޑިއާގައި އާމިރަށް ޓެގްކޮށް ކޮމެންޓް ކުރަމުންނެވެ.