ދިވެހިންގެ އާދަކާދަ ތަކުގެ ތެރޭގައި ކުޑަކުދިން ފައިހިއްޕުމަކީ ޒަމާނުއްސުރެ ކުރަމުން އައި ކަމެކެކެވެ. ނަމަވެސް މިއަދު، ޒަމާން ބަދަލުވެ، ކުޑަކުއްޖަކު ފައިހިއްޕުމަކީ ހަމަ އެއްގޮތަކަށްވެސް ނުކުރާ ކަމެކޭ ބުނެވިދާނެއެވެ. ކުޑަކުދިން ނެޕީ ޖައްސާފައި އޮންނާތީ އެކުދިން ބޭނުން އިރަކު ކުޑަކަމުގޮސް ހަދައެވެ. އެކުދިން ކުޑަކަމު ދައްވާކަށް ފައިހިއްޕާކަށް ނުޖެހެއެވެ.

ކުޑަކުދިން ފައިހިއްޕި ޒަމާނަށް ބަލާއިރު، ކުޑަކުއްޖަކު ގެންގުޅޭ ގެއެއްނަމަ، އެކުދިން ފައިހިއްޕާ އަޑު އިވޭނެއެވެ. ގިފިލި ތެރެއިން ނޫނީ ފާހާނާ ތެރެއިންނެވެ. ތުނބުން ފުމޭ އަޑެއްކަހަލަ "ޞަފީރު" ގެ އަޑެއް، އެކުދިންގެ މައިންގެ ތުނބުން ލައްވަމުން އެކުދިން ފައިހިއްޕައެވެ.

މިގޮތަށް ފައިހިއްޕާއިރު އެކުދިން، އުޑުފައިން އިންނަ ގޮތަކަށް އެކުދިން އުފުއްލާލައިފައި ބަހައްޓައެވެ. މިގޮތަށް އެކުދިންގެ މައިމީހާގެ އަތުގެ ތެރޭގައި އެކުދިން ހިފަހައްޓާލައިފައި ހުންނަ އިރު، އެ މައިންގެ އަނގައިން އެ ލައްވާ އަޑުގެ ސަބަބުން އެކުދިންނަށް ފަސޭހަކަމާއެކު ކުޑަކަމު ދެވެއެވެ.

މިކަމުގައި ސިއްހީ ގޮތުންވެސް ފޮރުވިފައިވާ ސައިންޓިފިކް ހަގީގަތްތަކެއް ވެއެވެ. ފައިހިއްޕާއިރު، އެ ލައްވާ އަޑުގެ ސަބަބުން ކުޑަކަމު ދިއުމަށް އެކުދިންނަށް ފަސޭހަވާ އެ ފަސޭހަވުމަކީ، "ޕަވްލޮވް ރިފްލަކްސް" އެކޭ ބުނެވެއެވެ. ބޮޑެތި މީހުންނަށްވެސް، ކުޑަކަމުދާއިރު އެފަދަ އަޑެއް އިވޭނަމަ ނުވަތަ ފެން ދައުރުވާ އަަޑެއް، ނުވަތަ ފެން އޮހޮރޭ އަޑެއް އިވޭނަމަ ކުޑަކަމުދިއުމަށް ފަސޭހަވެއެވެ. ވިއްސާރަ މޫސުމުގައި ވިއްސާރަ ވެހޭ ވަގުތުގަކުގައި އަވަސް އަވަހަށް ކުޑަކަމުދަވާ ސަބަބުތަކުގެ ތެރޭގައި ވާރޭ ވެހޭ އަޑާއި ފެން އޮހޮރޭ އަޑާއި ދައުރުވާ އަޑު ހިމެނޭކަމަށް ދިރާސާވެރިން ފާހަގަ ކުރެއެވެ.

ބައެއްކަހަލަ އޮޕަރޭޝަންތައް ކުރުމަށްފަހު، ކުޑަކަމު ދިއުމުން ނޫނީ އެފަދަ އޮޕަރޭޝަންތައް ކޮށްފައިވާ މީހާ ގެއަށް ދުލެއް ނުކުރާނެއެވެ. އެހެންކަމުން، ގެއަށް ދިއުމުގެ ކުރިން ކުޑަކަމުދިއުމަކީ އެމީހުން ކޮންމެހެން ކުރަން ޖެހޭނޭ ކަމެކެވެ. އޮޕަރޭޝަން ކޮށްފައިވާ ގޮތެއްގެ ސަބަބުން ބައެއްފަހަރަށް ކުޑަކަމު ދިއުމަށް އުނދަގޫ ވެއެވެ. ހާއްސަކޮށް އައްސިކޮށްގެން ކުރާ އޮޕަރޭޝަން ތަކުގައެވެ. އެހެންކަމުން މިފަދަ ހާލުގައިވާ މީހުން، ފަސޭހަކަމާއެކު ކުޑަކަމު ދެއްވުމަށްޓަކައި، ފާހާނާއަށް ވަނުމަށްފަހު، ފާހާނާގައި ހުންނަ އިސްކުރެއް ދޫކޮށްލާފައި ބަހައްޓަން ޑަކްޓަރުން އިރުޝާދު ދޭނެއެވެ. މިހާލަތުގައިވެސް ކަން މި ވަނީ ކުޑަކުދިން ފައިހިއްޕާއިރުގައި ކަން މި ވާ ގޮތާ ދާދި އެއްގޮތަކަށެވެ. ތަފާތުވަނީ އިވޭ އަޑުގެ އަސްލެވެ. ފައިހިއްޕާއިރު އެ ލައްވާ އަޑަކީ އަނގައިން ލައްވާ އަޑެކެވެ.

ފައިހިއްޕާއިރު އަނގައިން އެ ލައްވާ އަޑަކީ ހަގީގަތުގައި ވަރަށް މުހިއްމު އަޑެކެވެ. އެއީ ކުޑަކަމު ދިއުމަށް ފަސޭހަ ކުރުވާ އަޑެކެވެ. މިއީ ސައިންޓިފިކަލީ ސާބިތުވެފައިވާ ކަމެކެވެ. އޭރު އެޒަމާނުގައި ފައިހިއްޕާއިރު އެ އަޑު އެގޮތަށް ލެއްވީ ސައިންޓިފިކަލީ އެކަން ސާބިތުވެފައި ވާތީ ކަމަކަށް ބެލެވޭކަށް ނެތެވެ. ނަމަވެސް އެކަމުގައިވެސް ހިކުމަތްތަކެއް ވާކަމަށް ގަބޫލު ކުރެވޭތީ ކަމަށް އަޅުގަނޑުމެނަށް އިހުސާސް ކުރެވެެއެވެ.