ވިސްޓާރާ އެއަރ ގެ ދަތުރުތައް ރާއްޖެއާއި ދިއްލީ އާ ދެމެދު ފަށައިފިއެވެ.

ރާއްޖެ އާއި ނިއު ދިއްލީ އާ ދެމެދު ކުރާ މި ދަތުރުތައް ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

މި ދަތުރުތައް ފެށުމުުގެ ގޮތުން އެންމެ ފުރަތަމަ ފްލައިޓު ރާއްޖެ އައިސްފައިވަނީ އޮކްޓޯބަރ 1 ވީ އާދީއްތަ ދުވަހުއެވެ. ފުރަތަމަ ފްލައިޓަށް އެމްއޭސީއެލުން ވަނީ ވޯޓަރ ސެލިއުޓަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

މި އެއަރލައިނުން މީގެ ކުރިން ދަތުރު ކޮށްފައިވަނީ މާލެ – މުމްބާއީ ރޫޓުގައި އެކަނިއެވެ. އެހެންނަމަވެސް މި ރޫޓު އިތުރުވެގެން ދިއުމަކީ އެ އެއަރލައިނުން ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރަން ކުރަމުންދާ މަސައްކަތަށް ދައްކުވައިދޭ ކަމެއްކަން އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

އެމްއޭސީއެލް އިން ބުނީ މި ރޫޓުގައި ވިސްޓާރާއިން ދަތުރު ކުރާނީ އެއަރބަސް އޭ-320ނިއޯ މަރުކާގެ ބޯޓަކުން ކަމަށާއި  މި ރޫޓުގައި 3 ކްލާހެއްގައި ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އަދި ގިނަ ޚިދުމަތްތަކެއް ލިބިގެން ދާނެ ކަަމަށް އެއަރލައިނުން ބުނެއެވެ.

ސިންގަޕޫރުގެ އެއަރލައިންސްއާއި އިންޑިއާގެ ޓާޓާ ގްރޫޕުގެ ޖޮއިންޓް ވެންޗަރގެ ދަށުން އުފައްދާފައިވާ ވިސްޓާރާ ދަތުރު ފަށާފައިވަނީ ރާއްޖެއާއި އިންޑީއާގެ މުމްބާއީން ދެމެދު ރޫޓުގައެވެ. ނަމަވެސް މިއާއެކު އިންޑީއާއިން އަންނަ ފަތުރުވެރިން އިތުރުވެގެން ދާނެ ކަމަށް އެމްއޭސީއެލްއިން ޤަބޫލު ކުރެއެވެ.