މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އޯޕަން ޑޭ އެއް ބޭއްވުމަށް ނިންމައިފިއެވެ.

ސްކޫލް ދަރިވަރުންގެ ޝައުގުވެރިކަން ޕޯޓުގެ ދާއިރާތަކަށް އިތުރުކުރުމަށް "ޕޯޓް އޯޕަން ޑޭ" ގެ ނަމުގައި މި ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 13 ވާ ހޮނިހިރު ދުވަހު ކަމަށް އެމްޕީއެލް އިން ވިދާޅުވެއެވެ.

އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މި ހަރަކާތްތައް ދެ ދަންފަޅިއަކަށް ބަހާލައިގެން ބާއްވާއިރު، ފުރަތަމަ ދަންފަޅި އޮންނާނީ ހެނދުނު 8:30 އިން މެންދުރު 12:45 އަށް ކަަމަށާއި ދެވަނަ ދަންފަޅި އޮންނާނީ މެންދުރު 12:30 އިން ހަވީރު 4:15 އަށް ކަމަށް އެމްޕީއެލް އިން ވިދާޅުވިއެވެ.

އެ ކުންފުނިން ވިދާޅުވީ އޯޕަން ޕޯޓް ޑޭ ގެ މަގްސަދަކީ ޕޯޓުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ދަރިވަރުންގެ މެދުގައި އިތުރުކުރުމާއި އެ ދާއިރާގައި ކުރިއަށް ދެވެން ހުރި ކެރިއަރުތަކުގެ މައުލޫމާތު ހިއްސާކުރުމާއި އެމްޕީއެލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދީ ޕޯޓުގެ ދާއިރާގެ ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި ކުންފުނީގެ ސްޓޭކް ހޯލްޑަރުންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމެވެ.

އެ ދުވަހުގެ ހަރަކާތުގައި ބައިވެރިވާ ދަރިވަރުންނަށް މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގެ ބައިނަލްއަގުވާމީ ބަނދަރަށް ޒިޔާރަތްކޮށް، ޕޯޓުގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލާލުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާއިރު، ސޭފްޓީ އެންޑް ސެކިއުރިޓީ ޑްރިލަކާއި ޕޯޓުގައި ބޭނުންކުރާ މެޝިންތައް ބޭނުންކުރާ ގޮތް ވެސް ދަރިވަރުންނަށް ދައްކާލުމަށް ވަނީ ނިންމާފައެވެ.

އެމްޕީއެލް އިން ވިދާޅުވީ އެ ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ތިން ދަރިވަރަކަށް ލެޕްޓޮޕް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.