ކަންފަތް ސާފުކުރާ ބުރަކީ މުޅި ދުނިޔޭގައިވެސް މީހުން ބޭނުން ކުރާ އެއްޗެކެވެ. ނަމަވެސް ގިނަ މީހުން ކަންފަތް ސާފުކުރާ ބުރު ބޭނުން ކުރަނީ ކުރަންވާ ގޮތަކަށް ނޫނެވެ. ސިއްހީގޮތުން ބަލާއިރު، ކަންފަތް ސާފުކުރުމާ ކަފަބުރު ބޭނުންކުރުމާ ބެހޭގޮތުން މަޝްހޫރު މަޖައްލާއެއް ކަމަށްވާ ހެލްތްލައިންގައި ލިޔެފައިވާ ބައެއް މައުލޫމާތައް ބަލާލާނެމެވެ.

2023 ގެ ފެބްރުއަރީ މަހު، އޭޝްލީ މާސިން، ހެލްތްލައިން މަޖައްލާގައި ލިޔެ ޝާއިއުކޮށްފައިވާ ލިޔުމެއްގައި އޭނާ ވިދާޅުވަނީ، ކަންފަތުގެ ތިން ބައި އިންނަ ކަމަށެވެ. އެއީ ބޮލުގެ ބޭރަށް އިންނަ ކަންފަތުގެ ބަޔާއި ކަންފަތުގެ މެދުބަޔާއި އަދި ކަންފަތުގެ އެތެރެ ބައެވެ. ކަންފަތުގެ އެތެރެ ބަޔަކީ ކަންފަތުގެ ތޫރިއަށްވުރެ އެތެރެއެވެ. ކަންފަތުގެ މެދުބަޔަކީ ހޮޅިއެއްގެ ބައްޓަމަށް، ކަންފަތުގެ ތޫރި އާއި ކަންފަތުގެ ބޮލުން ބޭރަށް އިންނަ ބަޔާ ދޭތެރެއެވެ. މިއީ އާއްމުކޮށް ކަންފަތުގެ ޖަރާސީމާއި މަޑު އުފެދޭ ހިސާބެވެ. ދެން އޮތީ ބޮލުން ބޭރަށް އިންނަ ކަންފަތުގެ ބައެވެ.

އޭޝްލީ ވިދާޅުވާ ގޮތުގައި ކަންފަތް ސާފުކުރަން ކަފަބުރު ބޭނުން ކުރަންވާނީ ކަންފަތުގެ، ބޮލުން ބޭރަށް އިންނަ ބައި އެކަނި ސާފު ކުރާށެވެ. ކަންފަތުގެ މެދުބަޔަށްވެސް ކަފަބުރު ކޮށްޕުމަކީ ސިއްހީގޮތުން ރަނގަޅު ކަމެއް ނޫނެވެ. އެހެނީ، އެހާރުން ކަންފަތުގެ މެދުބައިގައި ހުންނަ މަޑުތައް ބޭރަށް އައުމުގެ ބަދަލުގައި ކަންފަތުގެ ތޫރިއާއި ދިމާލަށް ދިއުމުގެ ފުރުސަތު ބޮޑުވާނެތީއެވެ. އަދި ކަފަބުރުގެ ޒަރިއްޔާއިން ކަންފަތުގެ މެދުބަޔާހިސާބަށް ޖަރާސީމެއްގެ އަސަރު ފޯރަފާނެތީއެވެ.

ކަންފަތަކީ އޭގެ ޒާތުގައި ކަންފަތުގައި ޖެހޭ އަޑުތަކުގައި ހުންނަ، "ވައިބްރޭޝަން" ގެ ސަބަބުން ސާފުވާ ތަނެކެވެ. ކަންފަތުގެ މެދުބައިގައި ހުންނަ ހަޑި، މި ވައިބްރޭޝަން ތަކާއި އެކު ކަންފަތުގެ، މެދުބައިން ބޭރަށް ދަތުރުކުރާނެއެވެ. އަދި އިނގިލިން ނުވަތަ ފޮތިކޮޅަކުން ނެގޭ ހިސާބަށް އަންނާނެއެވެ. ކަފަބުރުގެ ބޭނުމަކީ މިހިސާބަށް އަންނަ ހަޑިތައް ސާފުކުރުމެވެ. އަނެއް ބޭނުމަކީ ބޮލުން ބޭރަށް އިންނަ ކަންފަތުގެ ބައިގެ އެތެރެފަޅީގައި ހަރުލާފާ ހުންނަ ފެންތަކާ ހަޑިތައް ސާފު ކުރުމެވެ.

އޭޝްލީ އިތުރަށް ވިދާޅުވެފައި ވަނީ ކަފަބުރުގައި ދެކޮޅު ހުރެފައި ދަނޑިކޮޅެއް ގޮތަށް ކަފަބުރު އޮތެއްކަމަކު، ކަންފަތުގެ މެދުބައިގެ ތެރެއަށް ވަންނާނެހެން ކަފަބުރު ކޮށްޕާކަށް ނުޖެހޭނެ ކަމަށެވެ. އެއީ ގިނަމީހުން ކަންކުރާ ގޯސް ގޮތެކެވެ. 

ކަންފަތުގެ މެދުބައިގައި ކަފަބުރުގެ ކަފަކޮޅު ތާށިވެގެން، ޖަރާސީމު އުފެދިގެން ފަރުވާ ހޯދަން ޖެހެނީ މަދު ބައެއް ނޫނެވެ. އަދި ކަފަކޮޅު ތާށި ނުވިއެއްކަމަކު، ބޮލުން ބޭރަށް އިންނަ ކަންފަތުގެ ބައިގެ އެތެރެ ފަޅީގައި ހުންނަ ހަޑިއާއި ކިލާގައި ހުންނަ އެކިއެކި ޖަރާސީމުތައް ކަންފަތުގެ މެދުބަޔަށް، ކަފަބުރުގެ ޒަރިއްޔާއިން ދަތުރުކޮށް ކަންފަތުގެ އިންފެކްޝަން އުފެދިފައި ހުންނަނީވެސް މަދެއްކޮށެއް ނޫނެވެ. އެހެންކަމުން ކަފަބުރު ބޭނުން ކުރުމުގައި ސަމާލުވެ ފަރުވާތެރިވާށެވެ. ރައްކާތެރިވެ ހޭލުންތެރިވާށެވެ. 

 

ހަވާލާ: އޭޝްލީ މާސިން، ހެލްތްލައިން - 2023