ޓައިގަރ ޝްރޮފް، ކްރިތީ ސެނަން އަދި އަމީތާބް ބައްޗަން ލީޑް ރޯލުން ފެނިގެންދާ ގަންޕަތުގެ ޓްރެއިލަރ ރިލީޒްކޮށްފި އެވެ. ވިކާސް ބާލް ޑައިރެކްޝަންގެ މި ޓްރެއިލާގައި ވައުދުވަނީ "ގަންޕަތު"އަކީ ޖަޒުބާތުތަކާއި އެކްޝަން އަދި އެޑްވެންޗާގެ ރޯލާ ކޯސްޓާ ރައިޑެއް ކަމަށެވެ. 

ޓްރެއިލަރގައި ފެނިގެންދަނީ ޓައިގަރ މުޖުތަމަޢު ރަނގަޅުކޮށް މުއްސަނދިންނާއި ފަޤީރުންގެ ފަރަޤު ކުޑަ ކުރުމުގެ މަސައްކަތް ކުރާ މަންޒަރެވެ. މި ފިލްމުގައި އިންޑިއާގެ މުސްތަޤްބަލުގެ ސްކައި-ފައި އެލެމެންޓްތަކުގެ ބްލެންޑެއް ގެނެސްދިނުމުގެ ވަޢުދު  ފުއްދައިދީފައިވާއިރު، މިއީ ލޮލަށް ފެންނަ ބައެއް ވިޝުއަލް އިފެކްޓްތަކާއެކު ފުރިހަމަ ފިލްމެކެވެ. ޓައިގަރ އޭނާގެ ބޮކްސިންގގެ މޮޅު ހުނަރު ދައްކާލާއިރު، އަމީތާބް އޭނާގެ ވަރުގަދަ ޑައިލޮގް ޑެލިވަރީއަކުން ބެލުންތެރިންގެ ސަމާލުކަން ހޯދާނެ ކަމުގެ ޔަޤީންކަން އެބައޮތެވެ.

އެތައް ބަޔަކު އިންޓަރނެޓުގައި މި ޓްރެއިލަރއަށް ދަނީ ތަޢުރީފުކުރަމުންނެވެ. މިއީ ހަމައެކަނި ޓްރެއިލަރއެއް ނޫން ކަމަށާއި މިއީ މިނިކާވަގު ޙަމަލާ ދިނުމުގެ ކުރިން ދޭ އިންޒާރެއް ކަމަށް އެއްބަޔަކު ބުނެ، ދަނީ ސޯޝަލް މީޑިއާގައި ޚިޔާލު ފާޅު ކުރަމުންނެވެ. އަދި މިއީ ބޮކްސް އޮފީހުގައި އެތައް ރެކޯޑެއް މުގުރާނެ ފިލްމެއް ކަމަށް ވެސް ދަނީ ބުނަމުންނެވެ.

ފިލްމުގެ އުފެއްދުންތެރިން ދާދި ފަހުން ވަނީ “ހަމް އާޔޭ ހޭން” ގެ ނަމުގައި ފިލްމުގެ ލަވައެއް ވެސް ނެރެފައެވެ.

ވާޝޫ ބަގްނާނީއާއި ޖެކީ ބަގްނާނީ އަދި ދީޕްޝިކާ ދޭޝްމުކްގެ އިތުރުން ވިކާސް ބާލް ޕްރޮޑިއުސްކޮށްފައިވާ "ގަންޕަތު" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ އޮކްޓޫބަރު މަހުގެ  20 ވާ ހުކުރު ދުވަހުއެވެ.