2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2027 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ޕްރެލިމިނަރީ ޖޮއިންޓް ކޮލިފިކޭޝަން ފުރަތަމަ ބުރުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަހުވަގުތު ރާއްޖެއާ ބަންގްލަދޭޝް 1-1 އިން އެއްވަރުކޮށްފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހަން އެންމެ ރަނގަޅު ދެ ފުރުޞަތު ލިބުނީ ވެސް ރާއްޖެ އަށެވެ. މި މެޗުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު މި ދެ ފުރުޞަތުގެ ވެސް ބޭނުން އެންމެ ރަނގަޅަށް ނުހިފުނެވެ. އެގޮތުން، މެޗުގެ 18 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ތެރެއިން ސެންޓޭ ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވިއިރު، އޭގެ ފަސް މިނެޓުފަހުން ލިބުނު ހިލޭޖެހުމަކުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ.
ފުރަތަމަ ހާފުގައި ބަންގްލަދޭޝްގެ ރަކީބް ހުސެއިން އާއި ފައިސަލް އަހުމަދު ފަހީމް އަށް ރަނގަޅު ފުރުޞަތުތަކެއްލިބި މާޒިޔާގެ ގޯލްކީޕަރު، ހުސައިން ޝަރީފް ބަލަހައްޓަމުންދިޔަ ރާއްޖޭގެ ގޯލަށް މާބޮޑަށް ނުރައްކާ ކުރެވިފައެއްނުވެއެވެ. މި ހާފުގެ އިތުރުވަގުތުގައި އެ ޓީމަށް ލިބުނު ހިލޭޖެހުމަކުން ކެޕްޓަން، ޖަމާލް ބުޔާން ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު، ހުސައިން ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ވެސް ބަންގްލަދޭޝްގެ ރަކީބް އާއި ފަހީމް އަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ. ރާއްޖެ އަށް މި ހާފުގައި ލިބުނު އެންމެ ފުރަތަމަ ފުރުޞަތުގައި މެޗުގެ 65 ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދު (ހަމްޕު) ނެގި ހުރަހެއް ސެންޓޭ އަށް ލިބުމުގެ ކުރީން ބަންގްލަދޭޝްގެ މުޙައްމަދު ޝަކީލް ހުސެއިން ވަނީ އެ ބޯޅަ ސަލާމަތްކޮށްފައެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ރާއްޖޭގެ ކެޕްޓަން، ސެންޓޭ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ބަންގްލަދޭޝްގެ ގޯލް ބަލަހައްޓަމުންދިޔަ އުމުރުން 19 އަހަރުގެ މިތުލް މަރްމާ ވަނީ މަތަކޮށްފައެވެ.
މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ރާއްޖޭން ލީޑްނެގީ ފަހު ހާފުގައި ކުޅެން ނިކުތް ހަސަން ނަޒީމް (ޗޯޓު) ކާމިޔާބުކުރި ގޯލުންނެވެ. މިއީ ބަންގްލަދޭޝްގެ ޑިފެންޑަރު، ތާރިޤް ރައިހާން ކާޒީ ބޮލުން ދިފާއުކުރަން ޖައްސާލި ބޯޅައެއް އެ ޓީމުގެ އެހެން ކުޅުންތެރިއެއްގެ ގައިގަ ޖެހިފަ ރާއްޖޭގެ ނަޒީމް އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ބަންގްލަދޭޝް އިން އެއްވަރުކުރި ލަނޑު، އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާދުއްދީން އެވެ. މިއީ އެ ޓީމުގެ ރާކިބް ނެގި ހުރަހަކުން ގޯލްގެ ތެރެއަށް ހަމަޖެހިލާފައި ފޮނުވާލައިގެން ސާދުއްދީން ކާމިޔާބުކުރި ގޯލެކެވެ.
މި ނަތީޖާއާއެކު މި ދެ ޓީމުގެ މެދުގައި އަންނަ އަންގާރަ ދުވަހު ބަންގްލަދޭޝްގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގަށް ނިކުންނައިރު އެ ޓީމަށް ބޮޑު އެޑްވާންޓޭޖެއް ވަނީ ލިބިފައެވެ. އަނެއްކޮޅުން މި ނަތީޖާގެ ސަބަބުން ރާއްޖޭން ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރަށް ދިއުމަށްޓަކައި ކޮންމެހެން ދެވަނަ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުން މުހިއްމެވެ.
