ހަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބޭންޑެއް ކަމުގައި ވާ ސްކައިރޮކް އިން މިވަނީ އެ މީހުންގެ ފުރަތަމަ އަލްބަމްގެ ދެވަނަ ލަވަ "ރޭވާ" މީގެ ދުވަސްކޮޅެއް ކުރިން އާންމުންގެ ތެރެއަށް ދޫކޮށްލާފައެވެ. އެއާއި އެކު މި ލަވަ އަށް އާންމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. މި ލަވައަކީ އާންމުކޮށް ދިވެހިންގެ ތެރޭގައި އިވިފައިނުވާ ވަރަށް ތަފާތު އަދި މޮޅު ލަވައެކެވެ.
މިހާރު ނޫހަށް މައުލޫމާތު ދެމުން ސްކައިރޮކް އިން ބުނިގޮތުގައި އެ މީހުންގެ ފުރަތަމަ އަލްބަލް "ސަމުގާ" ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ނެރުމުގެ ތައްޔާރީތައް ކުރިޔަށް ދާކަމަށެވެ. މީގެ އިތުރުން މި އަލްބަމާއި ބެހޭ ގޮތުން އިތުރު ވާހަކަތަކެއް ވެސް ކުރިޔަށް އޮތްތާނގައި އާންމުކުރަމުން ދާނެކަމަށް އެ ބޭންޑުން ފާހަގަ ކުރިއެވެ. މި އަލްބަމް ގެ ފުރަތަމަ ލަވަ "ހޭވައްލާ ތައްޔާރު" މާރިޗް މަހު ނެރުނުއިރު މި ލަވަޔަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
"ރޭވާ" ގެ ލިރިކްސް ހަދާފައިވަނީ އަބްދު ﷲ އީސާފުޅާއި މި ބޭންޑް ގެ ލަވަކިޔުންތެރިޔާ އަބްދު ﷲ ފަރުހާން (ފައްފު)އެވެ. މި ލަވައިން ފައްފު އަދި އިންޝާ އަހުމަދުގެ ލަވަ ކިޔުމުގެ ހުނަރުވެރިކަން ފާހަގަވެގެން ދެއެވެ. މި ލަވައިގެ ވީޑިއޯ ތައްޔާރު ކޮށްފައިވަނީ މަދޮޝިޕުންނެވެ.
މި ބޭންޑުގެ މެމްބަރުން ގެ ގޮތުގައި ހިމެނެނީ ފައްފު އާއި އިންޝާގެ އިތުރުން ބޭންޑުގެ ޑްރަމަރު އަހުމަދު ފައިޒާން އާއި ގިޓަރިސްޓް ޒަޔާން ފައިސަލް އާއި ކީބޯޑިސްޓް ހުސެއިން ތައުފީގު އަދި ބޭސިސްޓް އިނާން އާދިލެވެ.
މި ލަވަ އަޑުއަހަން ބޭނުން ފަރާތްތަކަށް މިހާރު ޔޫޓިއުބް އަދި ސްޕޮޓިފައިގެ އިތުރުން އެހެން މިއުޒިކް ސްޓީރީމިންގް ޕްލެޓްފޯމްތަކުން އަޑުއަހާލެވޭނެއެވެ.
