ބޮލީވުޑްގެ ސުޕަރސްޓަރ އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމުގެ ނަން ހާމަކޮށްފިއެވެ. އެގޮތުން މި ފިލްމަކީ އޭނާ މީގެ އަހަރުތަކެއް ކުރިން ނެރުނު އައިކަނިކް ފިލްމު "ތާރޭ ޒަމީން ޕަރް"އާ ދާދި އެއް ތީމަކަށް އުފައްދަން ނިންމައިފައިވާ  ފިލްމެކެވެ. ފިލްމުގެ ނަމަކީ "ސިތާރޭ ޒަމީން ޕަރް"އެވެ.

"ތާރޭ ޒަމީން ޕަރް" ވެގެންދިޔައީ ބެލުންތެރިން ހިތުގައި ޖައްސާ، ރޮއްވާލީ ފިލްމަކަށެވެ. 2007 ވަނަ އަހަރު ރިލީޒްކުރި އަދި ދަރްޝީލް ސަފާރީ ލީޑް ރޯލުން ފެނިގެންދިޔަ "ތާރޭ ޒަމީން ޕަރް"އަށް ފާޑުކިޔުންތަކާއި ވިޔަފާރީގެ ގޮތުން ތަޢުރީފު ލިބި ޑިސްލެކްސިއާއާ ގުޅޭ ގޮތުން އިޖުތިމާއީ ހޭލުންތެރިކަމެއް ލިބުނެވެ.

Taare Zameen Par (Like Stars on Earth):- Movie Review

ފިލްމާ ބެހޭ ގޮތުން މީޑިއާތަކާ ވާހަކަ ދައްކަމުން އާމިރު ޚާން ދާދި ފަހުން ބުނެފައިވަނީ ޢާއްމުކޮށް އެކަމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކާ ކަމަށާއި މިހާރު ވެސް މާ ގިނަ ވާހަކައެއް ނުބުނެވޭނެ ކަމަށެވެ. އޭނާ ހަމައެކަނި  ހާމަކޮށްފައިވަނީ ފިލްމުގެ ނަމާއި މި ފިލްމަކީ "ތާރޭ ޒަމީން ޕަރް"ގެ އިދިކޮޅު ޖޯންރާއަށް އުފައްދާ ފިލްމެއް ކަމެވެ. އާމިރު ޚާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި "ތާރޭ ޒަމީން ޕަރް" އަކީ އިމޯޝަނަލް ފިލްމެއް ކަމުގައި ވީ ނަމަވެސް މި ފިލްމަކީ ބެލުންތެރިން ހެއްވާލާނެ ފިލްމެކެވެ. "އެ ފިލްމުން ތިބާ ރޮއްވާލި، މި ފިލްމުން ތިބާ މުނިފޫހިފިލުވައިދޭނެ." އާމިރު ބުންޏެވެ.

މީގެ އިތުރުން އާމިރު ޚާން އަންނަނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ބައެއް ފިލްމުތަކަށް ތައްޔާރުވަމުންނެވެ.