2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2027 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ޕްރެލިމިނަރީ ޖޮއިންޓް ކޮލިފިކޭޝަން ފުރަތަމަ ބުރުގެ ދެވަނަ ލެގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި 2-1 އިން ރާއްޖެ ބަލިކޮށް، ބަންގްލަދޭޝް އިން ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ފުރުޞަތު ހޯދައިފިއެވެ.

މިއަދުގެ މެޗުން ހޯދީ މޮޅާއެކު ބަންގްލަދޭޝް އިން ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދީ ދެ މެޗުގެ އެގްރިގޭޓުން 3-2 އިން ކުރިހޯދައިގެންނެވެ.

ރާއްޖޭން މި މެޗަށް ނިކުތްއިރު އެންމެ ފަހުން މާލޭގައި މި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރަތަމަ އެގާރަ އަށް ބަދަލެއް ގެނެސްފައެއްނުވެއެވެ. އެހެންނަމަވެސް، ބަންގްލަދޭޝް އިން މި މެޗަށް ނިކުތީ އެ މެޗުގެ ފުރަތަމަ އެގާރަ އަށް އެއް ބަދަލު ގެނެސްގެންނެވެ. އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އިސާ ފައިސަލްގެ ބަދަލުގައި ފަހު ހާފުގެ ފަހުބައިގައި ކުޅެން ނިކުމެ ލަނޑުޖެހި ސާދުއްދީން އަށް މި މެޗުގެ ފުރަތަމަ އެގާރަ އިން ވަނީ ފުރުޞަތު ދީފައެވެ.

ޑާކާގައި ހުންނަ ބަޝުންދަރާ ކިންގްސް އެރީނާގައި ކުޅުނު މި މެޗުގެ 11 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ބަންގްލަދޭޝް އިންނެވެ. މިއީ އެ ޓީމުގެ ވާތް ފަރާތުން ފައިސަލް އަހުމަދު ފަހީމް ނެގި ހުރަހަކުން ޕެނަލްޓީއޭރިޔާ ތެރޭގައި ހުރެ ރާކިބް ހުސެއިން ކާމިޔާބުކުރި ގޯލެކެވެ. 

އޭގެކުރީން، މެޗުގެ ދެވަނަ މިނެޓުގައި ރާއްޖެ އަށް ލީޑްނަގައިދޭން ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ލިބުނު ފުރުޞަތުގެ ބޭނުމެއްނުހިފުނެވެ. ރާއްޖޭގެ ހަމްޒާ މުޙައްމަދު (ހަމްޕު) ނެގި ހުރަހަކުން ޕެނަލްޓީއޭރިޔާ ތެރޭގައި ހުރި ހަންނަ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލަން މަސައްކަތްކުރި ވަގުތު ބަންގްލަދޭޝްގެ ކުޅުންތެރިން ވަނީ އެ ބޯޅަ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

ބަންގްލަދޭޝް ކޮޅަށް ލަނޑުޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭއެފްސީ

21 ވަނަ މިނެޓުގައި ރާއްޖޭގެ ހަމްޕު ޕެނަލްޓީއޭރިޔާ ތެރެއަށް ވަދެ، ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ އެ ޓީމުގެ ކުޅުންތެރިއަކު ވަނީ ދިފާއުކޮށްފައެވެ. އޭގެފަހުން، މެޗުގެ 29 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ރާކިބް ފޮނުވާލި ބޯޅަ ރާއްޖޭގެ ގޯލްކީޕަރު، ހުސެއިން ޝަރީފް ވަނީ މަތަކޮށްފައެވެ. އަދި އޭގެފަހުން، މެޗުގެ 33 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ތެރޭގައި ހުރެ ހަމްޕު ފޮނުވާލި ބޯޅަ ބަންގްލަދޭޝްގެ ގޯލްކީޕަރު، މިތުލް މަރްމާ ވަނީ މަތަކޮށްފައެވެ. 

ރާއްޖޭން އެއްވަރުކުރި ލަނޑު، 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް އައިސަމް އެވެ. މިއީ ހަމްޕު ނެގި ކޯނަރަކުން ބަންގްލަދޭޝްގެ ކުޅުންތެރިއެއް ދިފާއުކުރަން ބޮލުން ޖައްސާލި ބޯޅަ ޕެނަލްޓީއޭރިޔާ ތެރޭގައި ހުރި އައިސަމް އަށް ލިބުމުން އޭނާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ރާާއްޖޭގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ހަމްޕު ހުރަހަކުން ފޮނުވާލި ބޯޅަ ޕެނަލްޓީއޭރިޔާ ތެރޭގައި ހުރި ސެންޓޭގެ ބޮލުގައި ލައްވާލައިގޮތެއްނުވިއެވެ.

މި މެޗުގައި ބަންގްލަދޭޝް އިން ދެވަނަ ފަހަރަށް ލީޑްނެގީ ފަހު ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި ފަހީމް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އަރިމަތިން އެ ޓީމުގެ ސާދުއްދީން ނެގި ހުރަހެއް ރާއްޖޭގެ ކީޕަރު، ހުސެއިން މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ބަންގްލަދޭޝްގެ ކުޅުންތެރިއަކަށް ލިބުމުން އެ ބޯޅަ އަލުން ފަހީމް އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ބަންގްލަދޭޝްއާ ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭއެފްސީ

މެޗުގެ 59 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ އެމްޑީ ސޮހޭލް ރާނާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން މެޗުގެ ފަހު ތިރީހަކަށް މިނެޓު ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށްނެވެ. ސޮހޭލް އަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ، ރާއްޖޭގެ ޑިފެންޑަރު، ހައިޝަމް ހަސަން (ބިޑި) އަށް ކުރި ފައުލަކަށެވެ. އޭގެ ފައިދާ ނެގޭތޯ ރާއްޖޭން ކުރިއަށް ޖެހިގެން އެޓޭކްތައް ގިނަކޮށްގެން ބަންގްލަދޭޝްގެ ޑިފެންސަށް ބާރުބޮޑުކުރަން ކުރި މަސައްކަތުގެ ތެރެއިން، މެޗުގެ 72 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ބޭރުން އައިސަމް ފޮނުވާލި ބޯޅަ އާއި އޭގެ މިނެޓެއްފަހުން ސެންޓޭ ފޮނުވާލި ހަމަލާ ވެސް ބަންގްލަދޭޝްގެ ކީޕަރު، މިތުލް ވަނީ ހުއްޓުވާފައެވެ. 

ބަންގްލަދޭޝްގެ އެއް ކުޅުންތެރިއަކު މަދުވުމުން އެ ޓީމުން ދިޔައީ ކައުންޓާގައި ލިބޭ ފުރުޞަތުތަކުގައި ރާއްޖޭގެ ޑިފެންސަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން، ބަންގްލަދޭޝްގެ ފޯވާޑްލައިންގައި ހިމެނޭ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ރާއްޖޭގެ ދިފާއީ ކުޅުންތެރިންގެ އިތުރުން ކީޕަރު، ހުސައިން ވަނީ ހުއްޓުވާފައެވެ.

ފަހު ހާފުގައި ރާއްޖެ އަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު އެއް ފުރުޞަތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ހަސަން ނަޒީމް (ޗޯޓު)  އަށް ޕެނަލްޓީއޭރިޔާ ތެރެއިން ލިބުނު ބޯޅަ އޭނާގެ ފަޔަށް އަރާގޮތެއްނުވިއެވެ.

މެޗު ނިމެން ދަނިކޮށް، އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި ބަންގްލަދޭޝްގެ ކައުންޓާއެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ހުހަށް ހުރި ރަކީބް އަށް ކުރި ފައުލަކަށް ރެފްރީ ވަނީ ރާއްޖޭގެ ޑިފެންޑަރު، އަހްނަފް ރަޝީދު (އަހުއްކޮ) އަށް ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު، ރާއްޖޭން ވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.