ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގްރޫޕުގެ ފަރާތުން ފަަލަސްތީނު ފަންޑަށް 1 މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.
ފަލަސްތީނަށް އެހީވުމަށް ދިވެހިރާއްޖެއިން ހިންގާ ކެމްޕެއިނަށް މި ފައިސާ އެސްޓީއޯ ގްރޫޕްގެ ފަރާތުން ހަވާލުކޮށްފައިވަނީ އިންޓަރނޭޝަނަލް އެއިޑް ކެންޕެއިނާއި ދިވެހި މީޑިއާ ގުޅިގެން ކުރިއަށްގެންދާ ޓެލެތޯންގެ ތެރެއިންނެވެ.
އެސްޓީއޯ ގްރޫޕްގައި ހިމެނޭ، އެސްޓީއޯ، މިފްކޯ، އެލައިޑް އިންޝުރަންސް، މޯލްޑިވްގޭސް، އެމްއެސްއެސް އަދި އެފްއެސްއެމްއިން ގުޅިގެން މި އެހީ ހަވާލުކުރުމަށްފަހު، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ މި އެހީއަކީ ފަލަސްތީނާއި މެދު އޮތް ލޯބި ހާމަކުރުމާއި އެސްޓީއޯ ގްރޫޕުން ފަލަސްތީނުގައި މި ހިނގަމުންދާ ލާއިންސާނީ އަމަލުތަކާއިމެދު ކަންބޮޑުވާކަން ހާމަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފޯރުކޮށްދިން އެހީއެއްކަމަށެވެ.
އޭނާ ިދާޅުވީ އެސްޓީއޯގެ ފަރާތުން މި ޑޮނޭޝަން ދެވިގެން މިދަނީ އެސްޓީއޯ މުޅި ގްރޫޕްގެ ހުރިހައި ސްޓާފުންނާއި އެސްޓީއޯގެ ހިއްސާދާރުންނާއި އެސްޓީއޯގެ ހެޑް އޮފް ޑިޕާޓްމަންޓްސް އެގްޒެކެޓިވްއާއި، އެންމެހައި ބޭފުޅުންގެ ފަރާތުން ކަމަށެވެ.
އެސްޓީއޯ އަކީ އަބަދުވެސް މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް މިފަދަ ކަންކަމުގައި އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.
