އިންޑިއާގެ ރިއަލިޓީ ޝޯވ ބިގްބޮސް އަކީ މުނިފޫހިފިލިވުމުގެ ދާއިރާގައި އެންމެ ހިނގާ އެއް ކޮންޓްރޮވާޝަލް ޝޯވއެވެ. އެގޮތުން ބިގްބޮސްގެ 14 ވަނަ ސީޒަންވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރ 3 ވަނަ ދުވަހު ފަށާފައެވެ. ބިގްބޮސްގެ ބައިވެރިން ގޭމުން މޮޅުވުމަށްޓަކައި ތަފާތު އެކިއެކި އުކުޅުތައް ބޭނުންކުރެއެވެ. ބައެއްފަހަރު ހީވެސް ނުކުރާހާ ހަޑި އަމަލުތައްވެސް އެލިމިނޭޝަން ޓާސްކްގައި ބައެއް ބައިވެރިންގެ ފުށުން ފެނިފައިވެއެވެ.
އެގޮތުން އެންމެ ފަހުން ދެއްކި ބިގްބޮސްގެ 14 ގެ ޝޯވގެ އެލިމިނޭޝަން ޓާސްކްގައި ވަނީ އެކަކު އަނެކަކާއި ބެހޭގޮތުން ވާހަކަ ދައްކަން ޖައްސާފައެވެ. އަދި ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް އެމީހަކު ރައްކާތެރިކަމާއެކު ފެހި ޒޯންގައި ހުންނަން ޖެހެނީ ކީއްވެގެންކަމާއި އަނެއް ބައިވެރިއަކު ރަތް ޒޯނަށް ދާންޖެހޭ ސަބަބުތަކާއި ބެހޭ ގޮތުން ޒުވާބުކޮށްފައެވެ. އެގޮތުން މިޓާސްކުގައި މޭޒެއް މަތީގައި ބާއްވާފައި އޮންނަ އޮކްސިޖަން މާސްކްއިން އެމީހެއްގެ ނަސީބު ދެނެގަނެވޭނެއެވެ. އަދި ރަތް، ރީދޫ އަދި ފެހި ސިގްނަލްއިން ބުނާގޮތުން ގޭމުގެ ފެހި ޒޯންއަށް ދަތުރުކުރުމަށްޓަކައި ކޮންމެ ބައިވެރިއަކުވެސް އެމީހެއްގެ އަތުގައި މާސްކް ބާއްވަން ޖެހެއެވެ.
އެގޮތުން ގޭމްގެ ފުރަތަމަ ދެބައިވެރިން ކަމަށްވާ ނިކީ ތަމްބޮލީ އަދި ރާހުލް ވައިދްޔާ ވަނީ ވާދަކޮށްފައެވެ. ގޭމް ފެށުމުގެ ކުރިންވެސް ނިކީވަނީ މާސްކް އޭނާގެ އަތުގައި ބާއްވާފައެވެ. އަދި ދެމީހުން ވާހަކަ ދައްކަމުން ދިޔައިރު ރާހުލްވަނީ މޭޒުމަތީގައި މާސްކް ބެއްވުމަށް ނިކީ ކައިރިން އެދިފައެވެ. އަދި ނިކީ ވަނީ މާސްކް ނުބާއްވާނެ ކަމަށާއި އޭނާ ގޯސްކޮށް ކަމެއްކުރާނަމަ ބިގްބޮސްއިން އެކަމަށް ހުރަސްއަޅާނެ ކަމަށް ބުނެފައެވެ. އަދި ރަތް ސިގްނަލް ދިއްލުމުން ރާހުލްވަނީ ގަދަކަމުން ނިކީ އަތުން މާސްކް އަތުލަން އުޅެފައެވެ. އަދި ނިކީ ވަނީ މާސްކް އޭނާގެ ހަރުވާޅުގެ ތެރޭގައި ފޮރުވާފައެވެ. ހުރިހާ ބައިވެރިން ނިކީ އާއި ދެކޮޅަށް ތިބިއިރު ނިކީ ގޭމުން މޮޅުވެ ރާހުލް ވަނީ ރަތް ޒޯނަށް ދަތުރުކޮށްފައެވެ.
ނަމަވެސް އޭގެ ފަހުން ހަފްތާ ބަންދުގައި އޮންނަ އެޕިސޯޑްގައި ސަލްމާން ޚާން ވަނީ ނިކީއާއި ސުވާލުކޮށްފައެވެ. އަދި ނިކީ މާސްކް ފޮރުވީ ކޮންތާކުތޯ އަހާ އޭނާ ލަދުގަންނުވާލާފައެވެ. އެސުވާލަށް ނިކީ ޖަވާބެއް ނުދެއެވެ. އިތުރަށް ސަލްމާން ޚާން ވަނީ އެވާހަކަ ދައްކަން ނިކީ ލަދުގަނޭތޯއާއި ނަމަވެސް އެކަން ކުރިއިރު އޭނާ ލަދުނުގަނޭތޯ ސުވާލުކޮށްފައެވެ. މީގެ އިތުރުން ސަލްމާން ވަނީ ރާހުލް ވައިދްޔާއަށް ތަޢުރީފްކޮށް އޭނާގެ ކެތްތެރިކަމަށް ޝުކުރުއަދާކޮށްފައެވެ. އަދި ނިކީ ހަރުވާޅު ތެރެއަށް ލާން އެއީ މާސްކެއް ކަމަށާއި ޖަންގިޔަލެއް ނޫންކަމަށް ބުނެ ނިކީއަށް މަލާމާތް ކޮށްފައެވެ.
