އިންސާނާގެ ހަށިގަނޑުގެ ނިޒާމުތަކަށް އަޅުގަނޑުމެން ބަލާލާއިރު، އިންސާނާގެ ހަށިގަނޑުގައިވާ "އިންޓެގިއުމެންޓްރީ" ނިޒާމަކީ ހަށިގަނޑުގެ ބޭރު ފަށަލަތައް އެކުލެވޭ ނިޒާމެވެ. މިއަށް ހިމާޔަތުގެ ފަރުދާގެ ނިޒާމޭވެސް ކީދާނެއެވެ. މި ނިޒާމުގައި ހިމެނޭ މައިގަނޑު ގުނަވަނީ ހަންގަނޑެވެ. އެއާއި އެކު ހަންގަނޑާއި އެކުވެފައިވާ އެހެން ގުނަވަންތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްތަށިތަކާއި ނިޔަފަތިތަކާއި ހަންގަނޑުގައި ހުންނަ އެކި އެކި ގްލޭންޑްތަކެވެ.

މި ނިޒާމުގެ މައިގަނޑު މަސައްކަތަކީ ހަށިގަނޑު ދިފާއު ކޮށްދިނުމެވެ. މާހައުލުގެ ސަބަބުން ލިބިދޭ އެކި އެކި ގެއްލުންތަކުން ހަށިގަނޑު ހިމާޔަތްކޮށްދިނުމެވެ. އަދި ހށިގަނޑުގެ ފިނިހޫނުމިން ހިފަހައްޓާއިދިނުމާއި އެކު ބައެއްކަހަލަ ބޭކާރު މާއްދާތައް ހަށިގަނޑުން ބޭރުކޮށްދިނުމަކީވެސް މި ނިޒާމުގެ މަސައްކަތެކެވެ. އަދި ހަންގަނޑުގައި ހިނގާ ހަރަކާތެއްގެ ސަބަބުން ވިޓަމިން ޑީ އުފައްދައިދިނުމަކީވެސް މި ނިޒާމުގެ މަސައްކަތެކެވެ.

މި ނިޒާމުގައި ހިމެނޭ ބައެއް ގުނަންތައް:

. ހަންގަނޑު:

ހަންގަނޑަކީ އިންސާނާގެ ހަށިގަނޑުގައިވާ އެއްމެ ބޮޑު އެއް ގުނަވަނެވެ. އެގޮތުން އެވްރެޖް އިންސާނެއްގެ ހަށިގަދުގައިވާ ހަންގަނޑުގެ އަކަމިނަކީ 2 މީޓަރެވެ. ނުވަތަ 2 މީޓަރ ސްކޮޔާ އެވެ. އަދި އެވްރެޖް އިންސާނެއްގެ ހަނގަނޑުގެ އެވްރެޖް ބޯ މިނަކީ 2 މިލިމީޓަރެވެ. އިންސާނާގެ ހަންގަނޑުގައި މައިގަނޑު ތިން ބައެއް ނުވަތަ ތިން ފަށަލައެއް އެކުލެވިގެން ވެއެވެ. އެއީ އެޕިޑާމިސް، ޑާމިސް އަދި ހައިޕޯޑާމިސް އެވެ.

އެޕިޑާމިސް އަކީ ހަންގަނޑުގެ އެއްމެ ބޭރު ފަށަލައެވެ. މިފަށަލަ އުފެދިފައިވަނީ "ސްޓްރެޓިފައިޑް ސްކޮޔާމަސް އެޕިތީލިއަމް" ނަމަކަށް ކިޔާ ހަތާތަކަކުންނެވެ. މި ފަށަލައިގައި އެއްވެސް ވަރަކަށް ލެޔެއް ނުހުންނާނެއެވެ. އަދި އެއްވެސް ލޭނާރެއްވެސް ނުހުންނާނެއެވެ. އަދި ކިއެއް އެއްވެސް ހިއްސީ ނާރެއްވެސް ނުހުންނާނެއެވެ. އެޕިޑާމިސް ފަށަލައިގައިވެސް ގާތްގަނޑަކަށް 4 ނުވަތަ 5 ފަށަލަ އެލުކެވިގެން ވެއެވެ. އެއީ "ސްޓްރާޓަމް ކޯނިއަމް" އާއި "ލުސިޑިއަމް" އާއި "ގަރެނުލޯސަމް" އާއި "ސްޕިނޯސަމް" އަދި "ބާސަލްސް" އެވެ. މިއިން ކޮންމެ ފަށަލައަކަށް ހާއްސަ ކުދިކުދި ސިފަތަކެއް ވެއެވެ. ހަންގަނޑުގެ އެކި ހިސާބުތަކުގައި ގިނަކޮށް ހުންނާނީ މީގެ އެކި ފަށަލަތަކެވެ.

ޑާމިސް އަކީ ހަންގަނޑުގެ މެދު ފަށަލައެވެ. މިއީ ހަންގަނޑުގައިވާ އެއްމެ މުއްސަނދި ފަށަލައެވެ. އަދި މިއީ ހަންގަނޑުގެ ވާންކަން ދަމަހައްޓައިދޭ ފަށަލަވެސް މެއެވެ. ހަންގަނޑު ބަދަހިކޮށްދޭ ގިނަ ހަތާތައް ވަނީ މިފަށަލައިގައެވެ. އަދި ގިނައަދަދެއްގެ ކުދި ލޭހޮޅިތަކާއި ހިއްސީ ގިނަ ނާރުތައްވެސް ވަނީ މިފަށަލައިގައެވެ. މީގެ އިތުރުން ލިންފް ނާރުތަކޭ ކިޔާ ނާރުތައްވެސް މި ފަށަލައިގައިވާއިރު، ހަންގަނޑުގައިވާ ދާ ނުކުންނަ ގުލޭންޑް ތަކާއި ތެޔޮ ނުކުންނަ ގްލޭންޑްތައްވެސް ވަނީ މިފަށަލައިގައެވެ. ޑާމިސް ފަށަލައަށް އެނގުން ނުވާނަމަ އަހަރެމެންނަށް އެއްވެސް އިހުސާސެއް ނުކުރެވޭނެއެވެ. އަތް ލުމުން އެ ކުރެވޭ އިހުސާސް ކުރެވެނީ ހަންގަނޑުގެ މި ފަށަލައަށް އެނގުން ވުމުންނެވެ.

ހައިޕޯޑާމިސް އަކީ ހަންގަނޑުގެ އެއްމެ އަޑީ ފަށަލައެވެ. މިއީ އެހެން އިބާރާތަކުން ދަންނަވާނަމަ ހަންގަނޑުގެ ދަށުގައިވާ "ސަރުބީގެ" ފަށަލައެކެވެ. މުޅިންހެން ސަރުބީއަށް ނުވި ނަމަވެސް މި ފަށަލާގައި ގިނަވާނީ އޭގެ ހަތާތަކެވެ. ފައިބަރުގެ ދޫ ހަތާރުތަކަކުން ގެތިފައިވާ މި ފަށަލައަކީ މާބޮޑު ހަރުކަމެއް އެކުލެވިގެންވާ ފަށަލައެއް ނޫނެވެ. ހަންގަނޑުގެ އެންމެ ބޯ ފަށަލައަކީ މިއީއެވެ. ދާ ނުކުންނަ ގްލޭންޑް ތަކާއި އިސްތަށި ވަޅުތައް ހުންނަނީ ހަމުގެ މި ފަށަލައިގައެވެ. ހިއްސީ ނާރުތަކާއި ލޭ ހޮޅިތައް މި ފަށަލައިގައި މަދުވާނެއެވެ.