. ހަންގަނޑުގެ މަސައްކަތަކީ ކޮބާ؟
އިންސާނާގެ ހަށިގަނޑުގައިވާ ހަންގަނޑުގެ މައިގަނޑު މަސައްކަތްތަކަކީ ހަށިގަނޑު ހިމާޔަތްކޮށްދިނުމެވެ. އެގޮތުން މާހައުލުގެ ތެރެއިން ހަށިގަނޑަށް ކުރިމަތިވެދާނެ ބައެއް ކަހަލަ ނުރައްކާތަކުން ހަށިގަނޑު ހިމާޔަތްކޮށްދެއެވެ. އަދި ހަށިގަނޑުގައި ހުންނަ ފެނުގެ މިންވަރު އަވަހަށް ފަސޭހައިން ބޭރުވެގެން ނުގޮސް ހަށިގަނޑުގައި ހިފަހައްޓައިދޭ ގޮތްވެސް މެދުވެރި ކުރުވަނީ ހަންގަނޑުގެ ސަބަބުންނެވެ.
ހަށިގަނޑުގެ ތެރޭގައި ހުންނަ ހޫނުގެ މިންވަރު މާގަދަ ވުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަންތަކަށް ގެއްލުން ލިބިދާ ކަމެކެވެ. އަދި ފިނިހޫނުމިން މާ ބޮޑަށް ދަށްވުމަކީވެސް ގޯހެކެވެ. އަހަރެމެންގެ ހަންގަނޑުގައިވާ ދާ ނުކުންނަ ގްލޭންޑްތަކުން ނުކުންނަ ދަލާއި އެކު، ހޫނު ބޭރުވާނެއެވެ. އަދި ހީކަރުވާއިރު، އިސްތަށިތައް ކޮޅަށް ޖެހޭ ޖެހުމުގެ ސަބަބުން ހަށިގަނޑުގައި ހޫނު ހިފަހައްޓައިދެއެވެ. މިގޮތުގެ މަތިން ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދިނުމަށް ހަންގަނޑު އަދާކުރަނީ މުހިއްމު ދައުރެކެވެ.
ހަންގަނޑުގައި ހުންނަ ދާ ނުކުންނަ ގްލޭންޑްތަކުން ބޭރުކޮށްދޭ ދަލާއި އެކު ހަށިގަނޑުގައި ވާ ބައެއް ވިހަ މާއްދާތައް ބޭރުކޮށްދެއެވެ. ދަލުގެ ބޮޑު އިންސައްތައެއް އަދާކުރަނީ ފެނެވެ. ނަމަވެސް ލޭގެތެރޭގައި ދައުރުވާ ބައެއް ވިހަ މާއްދާތައް މި ފެނާއި އެކުވެގެން ބޭރުވެއެވެ. ގައިން ނުކުންނަ ދަލުގައި ނުބައި ވަސް ދުވަނީ މި ވިހަ މާއްދާތަކުގެ ސަބަބުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްމެ އާންމު އެއް ވިހަ މާއްދާއަކީ ޔޫރިއާ ނަކަމަށް ކިޔާ ވިހަ މާއްދާއެކެވެ. ހަންގަނޑުގެ އެއް މަސައްކަތަކީ މިފަދަ ބައެއް ވިހަތައް ދަލާއި އެކުވެ ހަށިގަނޑުން ބޭރުކޮށްދިނުމެވެ.
އަހަރެމެން ކާ ކާނާގައި ހުންނަ ކެލްސިއަމްގެ މާއްދާއަކީ ފަސޭހަ ކަމާއި އެކު ލޭގެ ތެރެއަށް ނެގޭނެ މާއްދާއެއް ނޫނެވެ. ކާ ކާނާގައި ހުންނަ ކެލްސިއަމް ލޭގެ ތެރެއަށް ނެގުމަށް ބޭނުންވަނީ ވިޓަމިން ޑީ އެވެ. އެހެންކަމުން އަހަރެމެން ކާ އެހެން ކާނާއަކާއި ނުލާ ހަށިގަނޑުގައި ވިޓަމިން ޑީ އުފައްދައިދިނުމުގެ މަސައްކަތް ޤުދުރަތުން ހަވާލުކުރެވިފައިވަނީ ހަށިގަނޑުގެ ހަންގަނޑާއެވެ. އިރުގެ އަވީގެ ދޯދިތައް އިންސާނާގެ ހަށިގަނޑުގައި ޖެހުމުން ހަންގަނޑުގައި ހިނގާ އާދަޔާ ހިލާފު މަރުހަލާއެއްގެ ތެރެއިން ވިޓަމިން ޑީ އުފެދި ލޭގެ ތެރެއަށް ދޫވެގެން ދެއެވެ. މިގޮތަށް އިރުގެ އަވިން ވިޓަމިން ޑީ އަހަރެމެންގެ ހަންގަނޑުގައި އުފައްދައިދޭން ފަސޭހައީ އަރާ އިރާއި އޮއްސޭ އިރުގައި ހުންނަ ރަން ދޯދިތަކުންނެވެ. މެންދުރުގެ ގަދަ ހޫނުގައި އެ ދޭ ދިލަ އަވި ދޯދިތަކުން ވިޓަމިން ޑީ އުފައްދައިދޭ މިންވަރު މާ ބޮޑަށްވެސް މަދުވާނެއެވެ.
ހަންގަނޑުގެ އަނެއް އެއްމެ މުހިއްމު އެއް މަސައްކަތަކީ ހިއްސު ދެނެގަތުމެވެ. އަހަރެމްގެ ގައިގެ ތަނެއް ތަނެއްގައި ބީހޭނަމަ، އެ އިހުސާސެއް ނަގައިދެނީ ހަންގަނޑުގައި ހުންނަ ހިއްސީ ނާރުތަކުންނެވެ. އެގޮތުން ހޫނު ނުވަތަ ފިނީގެ އިހުސާސް ކުރުވަނީ ހަންގަނޑުގައިވާ މި ހިއްސީ ނާރުތަކުންނެވެ. ބާރާއި ތަދާއި ދިލައިގެ އިހުސާސްތައްވެސް ކުރުވަނީ ހަމަ މި ހިއްސީ ނާރުތަކުންނެވެ. އެހެންކަމުން އަހަރެމެންގެ ހަށިގަނޑުގެ އެލާމް ސިސްޓަމެއްގެ ގޮތުގައިވެސް ހަންގަނޑު އަދާކުރަނީ ވަކި ކުޑަ ދައުރެއް ނޫނެވެ.
