ބޮލީވުޑްގެ ފިލްމީތަރި ރާހުލް ރޯއީއަށް ފިލްމެއްގެ ޝޫޓިންގއެއް ނަގަމުން ދަނިކޮށް ބްރެއިން ސްޓްރޯކެއް ޖެހިއްޖެއެވެ.

ރާހުލް އަށް ސްޓްރޯކް ޖެހިފައިވަނީ ކުރިޔަށް އޮތް އޭނާގެ ފިލްމް "އެލް.އޭ.ސީ ލައިވް ދަ ބެޓްލް" ކިޔާ ފިލްމެއްގެ ޝޫޓިންގައި ކާރގިލްގައި ހުއްޓައެވެ. ރާހުލްވަނީ ވަގުތުން މުމްބާއީގެ ނަނާވަތީ ހޮސްޕިޓަލްއަށް ގެންގޮސް އައި.ސީ.ޔޫގައި ފަރުވާދޭން ފަށާފައެވެ. އަދި އޭނާގެ ޙާލު ރަނގަޅުވަމުން އަންނަ ކަމަށް ރާހުލްގެ ކޮއްކޮ ރޮމީރް ސެން އިންޑިއެން އެކްޕްރެސް.ލޮމް އަށް މައުލޫމާތު ދީފައިވެއެވެ. ރާހުލްއަށް ސްޓްރޯކް ޖެހިފައިވަނީ މޫސުމަށް އައި ބަދަލަކުން ކަމަށާއި ހަމަވަގުތުން ކާރގިލްއިން ސްރިންގަރަށް އެއަށްފަހު ނަނަވާތީ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އިންޑިއާގެ ނޫހެއްގައި ބުނެފައިވެއެވެ.

ރާހުލް ރޯއީއަކީ 1990 ވަނަ އޭނާ ކުޅުނު މަހޭޝް ބަޓް ޕްރޮޑަކްޝަންގެ ބްލޮކްބަސްޓަރ ފިލްމް އާޝިޤީ އިން މަޝްހޫރުވެ ޢާންމުންގެ ލޯބި ހޯދައިފައިވާ ތަރިއެކެވެ. އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ސަޕްނޭ ސާޖަންކީ، ޕިޔާރުކާ ސާޔާ، ޖަނަމް، ތޫނޭ މެރެ ދިލް ލޭލިޔާ، ނޯޓީ ބޯއީ އަދި ދަރްމާ ކަރްމާފަދަ ފިލްމްތައް ހިމެނެއެވެ.

ރާހުލް ޝޫޓްކުރަމުން ދިޔަ ފިލްމް އެލް.އޭ.ސީ ލައިވް ދަ ބެޓްލްއަކީ ޗިތްރާ ވަކިލް ޝަރުމާއާއި ނިވެދިތާ ބާސޫ އުފައްދާ ނިތިން ކުމާރް ގުޕްޓާ ޑައިރެކްޓްކުރާ ފިލްމެކެވެ.