މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓް ވޯލްޑް ކަޕްގައި މިރޭ ކުޅުނު މެޗުގައި 62 ލަނޑުގެ ތަފާތަކުން ޕާކިސްތާން ބަލިކޮށް، އޮސްޓްރޭލިއާ އިން ލީގު ބުރުގެ ހަތަރުވަނަ މަގާމަށް ޖެހިލައިފިއެވެ.
މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ މޮޅުވި ދެވަނަ މެޗެވެ. ފުރަތަމަ ދެ މެޗުން ބަލިވިނަމަވެސް، އެ ޓީމު މިވަނީ އެންމެ ފަހުން ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން، މިއީ މުބާރާތުގައި ޕާކިސްތާންގެ ދެވަނަ ބައްޔެވެ. އެ ޓީމު އެންމެ ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވިނަމަވެސް، އެންމެ ފަހުން ކުޅުނު ދެ މެޗުން ވަނީ ބަލިވެފައެވެ.
މިރޭގެ ނަތީޖާއާއެކު އޮސްޓްރޭލިއާ ވަނީ ކުރީން ހަތަރެއްގައި އޮތް ޕާކިސްތާނާ އެއްވަރަށް ހަތަރު ޕޮއިންޓް ހަމަކޮށްފައެވެ. ޕާކިސްތާން ފަސްވަނައިގައި އޮތްއިރު، އޮސްޓްރޭލިއާ އަށް ހަތަރުވަނަ ލިބެނީ ނެޓް ރަން ރޭޓުންނެވެ. އެއް މެޗު މަދުން ކުޅެގެން، މި ދެ ޓީމާ އެއްވަރަށް ޕޮއިންޓް ލިބިފައިވާ ދެކުނު އެފްރިކާ އޮތީ ތިންވަނައިގައެވެ. އެ ޓީމަށް ކުރިލިބެނީ ވެސް ނެޓް ރަން ރޭޓުންނެވެ. އެންމެ ކުރީގައި އުޅޭ ނިއު ޒީލެންޑާއި ދެވަނައިގައި އޮތް އިންޑިއާ އަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ނިއު ޒީލެންޑަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ.
ބެންގަލޫރުގައި ހުންނަ އެމް ޗިންނަސްވާމީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ގަސްދުކުރީ ހޮވަން އަރާށެވެ. ބެޓްކުރުމަށް ފަސޭހަކަމަށް މަޝްހޫރުވެފައިވާ މި ދަނޑުގައި އެންމެ ފުރަތަމަ ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި އޮސްޓްރޭލިއާ އިން ވަނީ ނުވަ ވިކެޓަށް 369 ލަނޑު ހަދައިފައެވެ.
އޮސްޓްރޭލިއާ އިން މިހައި ބޮޑު ސްކޯއެއް ހެދުމުގެ މޭސްތިރިންނަކީ އެ ޓީމުގެ އޯޕަނިންގ ބެޓްސްމަނުން ކަމަށްވާ، ޑޭވިޑް ވޯނާ އާއި މިޗޭލް މާޝް އެވެ. އެގޮތުން، މި ދެ ކުޅުންތެރިން ގުޅިގެން ފުރަތަމަ ވިކެޓަށް 259 ލަނޑުގެ ޕާޓްނާޝިޕެއް ހެދިއެވެ. މި އިނިންސްގައި އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް ކުޅުނީ ވެސް މި ދެ ކުޅުންތެރިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވޯނާ، 124 ބޯޅައިން 163 ލަނޑުހެދިއިރު، މާޝް ވަނީ 108 ބޯޅައިން 121 ލަނޑު ހަދައިފައެވެ. މި އިނިންގްސްގައި ޕާކިސްތާނުން އެންމެ ރަނގަޅަށް އުކި އެ ޓީމުގެ ކެޕްޓަން، ޝާހީން ޝާހް އަފްރީދީ ފަސް ވިކެޓްނެގިއިރު، ހާރިސް ރައުފް ތިން ވިކެޓްނެގިއެވެ.
ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރައި، 45.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 305 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު އިމާމުލް ޙައްޤު އާއި އަބްދުﷲ ޝަފީގް ވަނީ ބައި ސައްތަ ހަދައިފައެވެ. އިމާމް ވަނީ 71 ބޯޅައިން 70 ލަނޑު ހަދައިފައެވެ. ޝަފީޤް ވަނީ 61 ބޯޅައިން 64 ލަނޑު ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު މުޙައްމަދު ރިޒްވާން 40 ބޯޅައިން 46 ލަނޑުހެދިއިރު، ސައުދް ޝަކީލް އާއި އިފްތިކާރް އަހުމަދުގެ ކުޅުން ފާހަގަކޮށްލެވުނެވެ. ސައުދް 30 ލަނޑުހެދިއިރު، އިފްތިކާރް ވަނީ 20 ބޯޅައިން 26 ލަނޑު ހަދައިފައެވެ. އެންމެ ފަހުން ވާދަވެރި އިންޑިއާ އާ ދެކޮޅަށް ބައިސައްތަ ހެދި އެ ޓީމުގެ ކެޕްޓަން، ބާބަރް އާޒަމް ނުބައިވީ އެންމެ 18 ލަނޑަށެވެ.
މި އިނިންގްސްގައި އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކީ އެޑަމް ޒަމްޕާ އެވެ. ޒަމްޕާ ހަތަރު ވިކެޓްނެގިއިރު އެ ޓީމުގެ ކެޕްޓަން، ޕެޓް ކަމިންސް އާއި އޯލްރައުންޑަރު، މާކަސް ސްޓޮއިނިސް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ. މީގެއިތުރުން، 10 އޯވަރުގެ ތެރޭގައި 37 ލަނޑަށް އެއް ވިކެޓްނެގި ޖޯޝް ހޭޒަލްވުޑްގެ ކުޅުން ވެސް ފާހަގަކޮށްލެވުނެވެ. އޮސްޓްރޭލިއާގެ އަނެއް ވިކެޓްނަގައިދިނީ އިތުބާރު އުކުންތެރިޔާ، މިޗޭލް ސްޓާކް އެވެ.
އޮސްޓްރޭލިއާ އަށް ދެން އޮތީ ނެދަލެންޑްސްއާ ބައްދަލުކުރާ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވާ ބުދަ ދުވަހު އިންޑިއާގެ ދިއްލީގައެވެ. މި މަހުގެ 23 ވާ ހޯމަ ދުވަހު ޗެންނާއީގައި ޕާކިސްތާން ނިކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.
މި މުބާރާތުގައި މާދަމާ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ނެދަލެންޑްސް ނިކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އިންގްލެންޑް ބައްދަލުކުރާނީ ދެކުނު އެފްރިކާއާ އެވެ.
