"އޭ.އެފް.ސީ ބްރެކެޓް ޗެލެންޖް" ބޮޑު ތަފާތަކުން ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑް އަލީ އަޝްފާޤު (ދަގަނޑޭ) މިދިޔަ އާދިއްތަ ދުވަހު ކާމިޔާބުކޮށްފައިވާއިރު މިކަމުން ދިވެހިންގެ ހިތުގައި ދަގަނޑޭއަށާއި ފުޓްބޯޅައަށް އޮތް ލޯތްބާއި ގައުމީވަންތަކަން ވަރަށް ރަނގަޅަށް ފެނިގެންގޮސްފިއެވެ.

އޭ.އެފް.ސީ ކަޕްގެ ފައިނަލުގައި ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ އާއި ވާދަކޮށް އަލީ އަޝްފާގު (ދަގަނޑޭ) މި ޗެލެންޖް 89 އިންސައްތަ ވޯޓުން ކާމިޔާބުކޮށްފައިވާއިރު މިކާމިޔާބީގައި އަޝްފާޤުގެ ސަޕޯރޓަރުންގެ ރޯލު ވަރަށްބޮޑެވެ. އެގޮތުން މިޗެލެންޖްގައި އަޝްފާގު ވާދަކުރިއްސުރެ ކުއަރޓަރފައިނަލުން ފެށިގެން ދިވެހިން ވަނީ އެކިގޮތްގޮތުން އަޝްފާގަށް ވޯޓްހޯދުމުގައި ކެނޑިނޭޅި މަސައްކަތްކޮށްފައެވެ. މީސްމީޑިއާގައި ވޯޓްހޯދުމަށް ކެމްޕެއިންކޮށް ފޭސްބުކާއި ޓްވިޓާގައި އަދި އާއިލީ ވައިބާ އާއި ވަޓްސްއެޕް ގުރޫޕުތަކުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ދަގަނޑޭއަށް ވޯޓު ހޯދައިދީ ކާމިޔާބީއާއި ހަމަޔަށް ވާސިލްވުމަށް މަސައްކަތްކޮށްފައެވެ. މީގެ އިތުރުންވެސް ދަގަނޑޭއަށް ޚާއްސަ ވައިބަރ ސްޓިކަރ ޕެކެއް ހަދާ "ޓީމް އަޝްފާޤް"ގެ ނަމުގައި ކޮމިއުނިޓީ ގްރޫޕެއްވެސް ހުޅުވައިފައިވެއެވެ.

އޭ.އެފް.ސީ ކަޕްގެ ބްރެކެޓް ޗެލެންޖްގައި ވާދަކުރާ ޤައުމުތަކުގެ ތެރެއިން އާބާދީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް އެންމެ ކުޑަ ޤަޢުމަށް ދިވެހިރާއްޖެ ވެފައިވާއިރު މިފަދަ ޗެލެންޖެއްގައި ދިވެހި ދަރިއެއް ވާދަކޮށް ފުރިހަމަ ކާމިޔާބީއެއް ހޯދުމަކީ ދިވެހިންގެ ހިތުގައި ޤައުމީ ރޫޙް އަށަގެންފައިވާ މިންވަރު ދައްކުވައިދިން އަލިގަދަ ހެއްކެކެވެ. ދުނިޔޭގެ ނިސްބަތުން އިންޓަރނެޓްގެ އަގު ބޮޑު ޤައުމަކަށް ރާއްޖެވީ ކަމުގައިވިޔަސް މިކާމިޔާބީއަށް ވާސިލުވުމަށް ދިވެހިން އަގަކަށް، ޙަރަދަކަށް ފަރުވާލެއް ނުބެހެއްޓިއެވެ. މިފުރުސަތުގައި ދަގަނޑޭވަނީ އޭނާއަށް ވޯޓްދިން ފަރާތްތަކަށް ޓްރިބިއުޓެއް ދީފައެވެ.

އޭ.އެފް.ސީ ކަޕްގައި ޖަހާފައިވާ އެންމެ ރީތި ސޯލޯ ގޯލުތަކުގެ މެދުގައި ކުރިޔަށްދިޔަ މިޗެލެންޖްގައި އަޝްފާގު ވަނީ ޗެލެންޖްގެ ފުރަތަމަ ބުރުތަކުގައި ކުވެއިތްގެ ކުޅުންތެރިޔާ ރޮގަރިނޯ އާއި ޑާކާގެ ސޮހެލް ރަނާ ބަލިކޮށް ކުއަރޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި ކުއާޓާފައިނަލާއި ސެމީފައިނަލުގައި ވިއެޓްނާމްގެ ނަން މަޝްހޫރު ދެ ކުޅުންތެރިންނާއި ވާދަވެރި ކުރިމަތިލުމަކަށްފަހު މުބާރާތުގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށް ހޮންކޮންގެ ކުޅުންތެރިޔާ ބޮޑުތަފާތަކުން ބަލިކޮށް ދަގަނޑޭ ޗެލެންޖް ކާމިޔާބު ކުރިއެވެ.