އުރީދޫ މޯލްޑިވްސްގެ ތަސައްވުރާއެއްގޮތުގެ މަތިން ކަސްޓަމަރުންގެ ބޭނުންތައް އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފިއެވެ.

މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ، 5ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެއެވެ. މި ބަދަލާއެކު ތްރޮޓްލް އިންޓަރނެޓް ސްޕީޑްވެސް ކުރިޔަށްވުރެ ހަލުވިވެ، ސުޕަރނެޓް އެޑޯންސްއާއެކުވެސް އިތުރު ޑޭޓާ ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސް މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ މުޅި ދުނިޔެއަށް ބަލާލިކަމުގައިވިޔަސް، ދިރިއުޅުން ކުރިއަރުވައި ކަންކަމުގައި އިތުރު ފަސޭހަކަން ގެނެސްދިނުމުގައި އިންޓަރނެޓްގެ ރޯލު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށް.

"އުރީދޫ އިން ދިވެހިރާއްޖޭގެ ޚިދުމަތުގައި 15 އަހަރު ފުރުމުގެ މުނާސަބަތު އަޅުގަނޑުމެން ފާހަގަކުރަމުން ދާއިރު، ރައްޔިތުންނަށް އެންމެ ފުރިހަމަ އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަށް އަރުވަން. މިއަދު އަޅުގަނޑުމެންމިވަނީ ކުރިޔަށްވުރެވެސް ހަލުވި ސްޕީޑުގައި، އިތުރު ޑޭޓާ އެލަވަންސްއާއެކު ސުޕަރނެޓް ޕޯޓްފޯލިއޯ އަޕްގްރޭޑްކޮށްފަ." ނަޖީބު ޚާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ބަދަލު ގެނައުމުގެ މަގްސަދަކީ، ދުނިޔޭގެ ހާލަތާއެކު ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ އިންޓަރނެޓްގެ ބޭނުންތައް ފުރިހަމަކުރުމަށް ލުއިގޮތްތައް ހޯދާދިނުން ކަމަށާއި އޮންލައިންކޮށް ކިޔެވުމާއި، ސިއްހީ ޚިދުމަތާއި، އޮންލައިންކޮށް ވިޔަފާރިކުރުން ފަދަ ޑިޖިޓަލްވަމުންއަންނަ ޚިދުމަތްތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ފަހިކޮށްދިނުން ކަމަށެވެ.

މިއަދު، 15 އޯގަސްޓްގައި ސުޕަރނެޓް ޕެކޭޖްތައް ރިނިއުވެގެންދިޔައިރު މި ގެނެވުނު ބަދަލާއިއެކު ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ހަލުވި ސްޕީޑް ލިބގެންދާނެއެވެ. ސުޕަރނެޓް ޕްލޭންތަކަށް ގެނެވުނު މި ހެޔޮ ބަދަލުގެ އިތުރު މައުލޫމާތާއި ތަފްސީލު އުރީދޫ މޯލްޑިވްސްގެ އެޕުން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ.

އުރީދޫއަށް ފިކްސްޑް ބްރޯޑްބޭންޑް ލައިސަންސް ލިބި، އެންމެހާ ފަރާތްތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ފެށުންވެގެންދިޔައީ ރާއްޖޭގެ ބްރޯޑްބޭންޑް ދާއިރާއަށްވެސް ފާހަގަކޮށްލެވޭ ކުރިއެރުމެއް ގެނެސްދިން ބަދަލަކަށެވެ.

ކަސްޓަމަރުންނަށް ހެޔޮ އަގުތަކުގައި ބްރޯޑްބޭންޑް ލިބުމުގެ އިތުރުން، މާލެ ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފިކްސްޑް ބްރޯޑްބޭންޑް އިންޓަރނެޓް ޚިދުމަތް މިއާއެކު ލިބެންފެށިއެވެ. ރާއްޖޭގެ އާބާދީގެ 70%އަށް މިހާރު ސުޕަރނެޓްގެ ޚިދުމަތް ލިބޭ އިރު، ޚިދުމަތް އިތުރަށް ފުޅާކުރުމަށް އުރީދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓަރނެޓްގެ ޚިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްއަކީ ފެށުނީއްސުރެ އެންމެ ފުރިހަމަ އިންޓަނެޓްގެ ޚިދުމަތާއިއެކު ރާއްޖޭގެ އެންމެހައި ރައްޔިތުން ގުޅުވައިދިނުމުގެ އަޒުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ.

މިއަދު، މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކްއާއި ގުޅިގެން މުވާސަލާތީ ގުޅުމުގެ މުހިންމުކަން އިތުރުވެ، އިންޓަނެޓް ބޭނުންކުރާވަރުވެސްވަނީ ނުހަނު ބޮޑުތަން އިތުރުވެފައެވެ.