ހެމާ މާލިނީ އާއި ދަރްމެންދްރާއަކީ ބޮލީވުޑްގެ އެންމެ ދުވަސްވެފައިވާ އެންމެ ލޯބި އެއް ދެމަފިރިންނެވެ. މިދެމަފިރިން މާމަ/ކާފަ ކިޔާފައިވަނީ އަލަކަށް ނޫނެވެ. ނަމަވެސް މިފަހަރު އެކަން ޙާއްސަވެފައިވަނީ އެދެމީހުންނަށް މާމަ/ކާފަ ކިޔާ ޓްވިންސްއެއް ލިބުމުންނެވެ.  

ހެމާ މާލިނީ އާއި ދަރްމެންދްރާގެ ދެއަންހެން ދަރިން ކަމަށްވާ އީޝާ ޑިއޯލްއާއި އާހަނާ ޑިއޯލްވެސް ވަނީ ކައިވެނިކޮށް ދަރިން ލިބިފައެވެ. އެމީހުންގެ ހަގު އަންހެންދަރިފުޅު އާހަނާއަށް 2014 ވަނަ އަހަރު ފިރިހެން ކުއްޖެއް ލިބިފައިވާއިރު އަނެއްކާވެސް އާހަނާއަށް ވަނީ ޓްވިންސެއް ލިބިފައެވެ. އެއީ ދެއަންހެންކުދިންނެވެ. 26 ނޮވެމްބަރ 2020 ވަނަ ދުވަހު މިދެކުދިން އުފަންވެފައިވާކަން އާހަނާއާއި އޭނާގެ ފިރިމީހާ ވައިބަވް ވޯހްރާ ވަނީ އިންސްޓަރގްރާމް މެދުވެރިކޮށް އިޢުލާންކޮށްފައެވެ. އަދި މިދެކުދިންނަށްވަނީ އެސްޓްރޭއިއާ އަދި އަދެއަރ ވޯހްރާގެ ނަމުން ނަންދީފައެވެ.

"އާހަނާ ބަލިވެއިނިއްސުރެ އަހަރެން މިހުންނަނީ ކޮންމެދުވަހަކު އާހަނާގެ ގެއާއި އަހަރެންގެ ގެއާއި ދެމެދު ދުވެދުވެ. މިޕެންޑެމިކް ތެރޭގައި އަހަރެން ހަމައެކަނި ބޭރަށް ނުކުންނަނީ އެގެޔަށް ދާން. މިހާރު އަހަރެން ބަލަންޖެހޭ 3 ކުދިން އާހަނާގެ އެބަހުރި. އަހަންނަށް ވީހާވެސް ގިނަވަގުތެއް އާހަނާއާއި އެކު ހޭދަކުރަން ބޭނުން" އެއާއިލާއަށް ޓްވިންސެއް ލިބުމާއި ގުޅިގެން "ސްޕޮޓްބޮއި"އަށް ދިން އިންޓަރވިއުއެއްގައި ހެމާ ބުނެފައިވެއެވެ. "އަހަރުމެންގެ ބަގީޗާ މިވަނީ ދުވަހެއް ދުވަހަކަށް ފޮޅެމުން. އީޝާގެ ދެދަރިންނާއި އަހާނާގެ ތިން ދަރިންނާއެކު، މިއަށްވުރެ އުފާވެރިކަމެއް އަހަންނަކަށް ނެތް" ދަރްމެންދުރާ އޭނާގެ ކާފަ ދަރިންނަށް ހިތުގައި އޮތް ލޯބި ބަންޑުންކުރަމުން އުފާވެރިކަމާއެކު ބުނެފައިވެއެވެ.