އެވޯޑް ހަފްލާއެއްގައި ޝްވެތާ ތިވާރީ ސާރީއެއް ލައިގެން ހުރި ފޮޓޯތަކަކަށް ޢާންމުންގެ ސަމާލުކަން ލިބިއްޖެއެވެ.
މިދިޔަ ނޮވެމްބަރ މަހު 24 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައި ބޭއްވި "ގޯލްޑް އެވާރޑް 2020" ގެ ހަފްލާގައި ޓީވީ ތަރި ޝްވެތާ ތިވާރީ ވަނީ ކަޅާއި ރަންކުލައިގެ ވިދާ ސާރީއެއްގައި ފެނިގެން ގޮސްފައެވެ. އަދި މިފޮޓޯތައް ޝްވެތާ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޭނުންނާއި ޙިއްސާކުރުމުން އޭނާގެ ފޭނުންވަނީ ސާރީގައި އޭނާ ވަރަށް ނަލަ ކަމަށް ބުނެ ތަޢުރީފުކޮށްފައެވެ.
މިހަފްލާގައި ޝްވެތާ ބޭނުންކޮށްފައިވާ ސާރީއަކީ "އިންޑޯ ވެސްޓަރން ފިއުޝަން" ދައްކުވައިދިން ހެދުމެކެވެ. މިސާރީ އަކީ ޑިމްޕަލް ޝްރޮފްގެ "ހައުސް އޮފް ލޭބަލް ޑީ"ގެ އުފެއްދުމެކެވެ. މިސާރީއާއެކު ހީލްއަކަށް އަރާފައިވާއިރު ކަންފަތުގައި އިން ގަހަނާ އާއި އަނގޮޓިއެއް ފިޔަވައި އިތުރު ގަހަނާއެއް ޝްވެތާ ބޭނުންކޮށްފައި ނުވެއެވެ. ޝްވެތާގެ މިސާރީގެ އަގު ބެލުމަށް މީހުންގެ ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް އޭގެ އަސްލު އަގު ޝްވޭތާ ހާމައެއް ނުކުރެއެވެ. ނަމަވެސް "ހައުސް އޮފް ލޭބަލް ޑީ"ގެ އޮފިޝައަލް ވެބްސައިޓުން ބަލާއިރު މިފަދަ އެހެން ސާރީތަކުގެ އަގު 44،352 ރުޕީސް އަށް އަރައެވެ.
ޢުމުރުން ސާޅީސް އަހަރުގެ ޝްވެތާ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ސާރީގެ ރީތިކަމުގެ އިތުރުން ހަށިގަނޑު ރީތި ބައްޓަމަކަށް ބެހެއްޓުމަށްޓަކައި އޭނާ މަސައްކަތްކުރާކަން ވަރަށް ރީއްޗަށް ފެނިގެން ގޮސްފައިވެއެވެ. ޝްވެތާ އަކީ 2001 ވަނަ އަހަރު ފެނިގެންދިޔަ އާއިލީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީކީ" އިން ޕްރޭނާގެ ގޮތުގައި މަޝްޙޫރުވެ ބެލުންތެރިންގެ ލޯބި ހޯދައިފައިވާ ތަރިއެކެވެ.
