އޭއެފްސީ ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރަށުން ބޭރުގައި އިންޑިއާގެ އޮޑިޝާ އަތުން 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިވެއްޖެއެވެ.

މިއީ މި ފަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ އެންމެ ފަހުން ކުޅުނު ދެ މެޗުގެ ތެރެއިން ބަލިވި ދެވަނަ ފަހަރެވެ. ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން މޮޅުވިނަމަވެސް، އިންޑިއާގައި މޯހަން ބަގާން ސުޕަ ޖަޔަންޓް އަތުން ބަލިވީ 2-1 އިންނެވެ. އަނެއްކޮޅުން، މިއީ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ދެ މެޗުން ބަލިވި އޮޑިޝާގެ ފުރަތަމަ މޮޅެވެ. އެ ޓީމު ކުޅުނު ދެ މެޗުގައި ބަޝުންދަރާ އާއި މޯހަން ބަގާން އަތުން ވަނީ ބަލިވެފައެވެ.

މިރޭގެ މެޗުތަަކަށްފަހު ގްރޫޕް ޑީ ގެ އެއްވަނައިގައި އުޅެނީ މޯހަން ބަގާން އެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ދެވަނަިއގައި ހަތަރު ޕޮއިންޓާއެކު ބަޝުންދަރާ އޮތްއިރު، އޮޑިޝާ އޮތީ ތިން ޕޮއިންޓާއެކު ތިންވަނައިގައެވެ. އެންމެ ފުލުގައި އޮތް މާޒިޔާ އަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، އޮޑިޝާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ބުބަނޭޝްވަރު ސިޓީގައި ހުންނަ ކަލިންގާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އޮޑިޝާ އިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހޯލްހްރިންގ ލަލްތަތަންގާ އެވެ. އޭގެ 10 މިނެޓުފަހުން، މާޒިޔާ އަށް އެއްވަރުކޮށްދިނީ ސާބިއާގެ ޑިފެންޑަރު، ބްރިނިމީރް ޖޮސިޗް އެވެ.

މާޒިޔާ އިން އެއްވަރުކުރިތާ މާގިނައިރުތަކެއް ނުވަނީސް އޮޑިޝާ އިން ވަނީ އަލުން ލީޑްނަގައިފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި އޮޑިޝާ އަށް މި ލަނޑުޖަހައިދިނީ ކާލޯސް ޑެލްގާޑޯ އެވެ. އަދި އޭގެ ދެ މިނެޓުފަހުން، އޮޑިޝާގެ ލީޑް ފުޅާކޮށްދިނީ މޯޓަޑާ ފޯލް އެވެ. މިއާއެކު، އޮޑިޝާ އިން ފުރަތަމަ ހާފު ނިންމާލީ 3-1 އިން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި މާޒިޔާ އަށް ލަނޑެއްޖަހައިދޭން ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އޮޑިޝާގެ ގޯލްކީޕަރު، އަމްރިންދަރް ސިންގ ވަނީ މަތަކޮށްފައެވެ.

އޮޑިޝާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު، 58 ވަނަ މިނެޓުގައި އަމޭ ރަނަވާޑޭ ކާމިޔާބުކޮށްދިންއިރު އޭގެ ހަތަރު މިނެޓުފަހުން އިސާކް ވަންލަލްރުއާޓްފެލާ ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑުޖަހައިދީފައެވެ. އަދި މެޗު ނިމުމުގެކުރީން، އިތުރުވަގުތުގައި ސާހިލް ޕާންވާރް ވަނީ ނަތީޖާ 6-1 އަށް ބަދަލުކޮށްލާފައެވެ.

މި މުބާރާތުގައި މިރޭ ކުޅުނު މެޗުގައި މޯހަން ބަގާންގެ ދަނޑުގައި ވަނީ 2-2 އިން ބަޝުންދަރާއާ އެއްވަރުވެފައެވެ.